29 Jul 2016, 14:53
ވެސްޓްހޭމް ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓް ހޯދަން މެންޗެސްޓަރ ޔުނައިޓެޑުން ކުރަމުން ގެންދާ މަސައްކަތުގައި އެ ކްލަބުން އަދިވެސް އުންމީދު ކަނޑައި ނުލާކަމަށް ފްރާންސް ފުޓްބޯލް އޮންލައިނުން ބުނެފިއެވެ.
ޔުވެންޓަސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވޯލްޑް ރެކޯޑް ފީއަކަށް ޔުނައިޓެޑަށް ގެންނަން އެކްލަބުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް، ޕަޔެޓަށް ބިޑްކުރަން އެ ކްލަބުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޔުނައިޓެޑް ވަރުގަދަކުރުމުގެ މަސައްކަތް އެ ކްލަބުން ފަށާފައިވާއިރު، ޕަޔެޓްގެ ޓްރާންސްފާގައި އިޓަލީގެ އިންޓަމިލާނުންވެސް ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފައިވަނީ، އެ ކްލަބާއެކު އޭނާ ތަޖްރިބާކުރާ ފުރަތަމަ ސީޒަންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ ޕްރިމިއަރ ލީގު ޓްރޮފީ އަނބުރާ އޯލްޑް ޓްރެފަޑަށް ގެންދިއުންކަމަށެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ކްލަބުގެ މެނޭޖްމަންޓުން ފުރިހަމައަށް އެއްބާރުލުން ދޭނޭކަމުގެ ޔަގީންކަށް ލިބިފައިވާ ކަމަށެވެ.