29 Jul 2016, 14:55
ރ. މަޑުއްވަރީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލުން ނައްޓައިގެން ހިނގި އެކްސިޑެންޓެއްގައި އެރަށު ޒުވާނަކު ޒަޚަމް ވެއްޖެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެއީ އެރަށަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ މުހައްމަދު ޒިމާމު ނަމަކަށް ކިޔާ ޒުވާނެކެވެ.
މަންޒަރު ދުށް މީހަކު "ސަން" އަށް ބުނީ އޭނާ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔައީ އެކަނި ކަމަށެވެ. އަދި ގޮސް ސައިކަލު ކޮންޓްރޯލުން ނައްޓައިގެން ދެކުނު ފަރާތު ގޮނޑުދޮށުގައި ޖަހާފައި ހުރި ހިލަތަކެއްގައި ޖެހުނީ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
މަޑުއްވަރީ ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އެ ޒުވާނާއަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު، ނިތްކުރިމަތިން ދެތަނެއް ވަނީ ފުންކޮށް ފަޅައިގެން ގޮސްފައި ކަމަށެވެ. އަދި މޫނުމައްޗާއި އަތާ ފައިގެ އެކި ތަންތަނުން ވަރަށް ބޮޑަށް ނޮޅައިގެން ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ، އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް ބޮލަށް ލިބިފައިވާ އަނިޔާ އަދި ފަޔާ އަތަށް ލިބިފައިވާ ޒަހަމްތަކުގެ ސަބަބުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށް އޭނާ އުނގޫފާރު ހޮސްޕިޓަލަށް ފޮނުވާލީ ކަމަށެވެ.
"މިކޮޅުން ފޮނުވާލި އިރު ސީރިއަސްއެއް ނޫން. ދެން މިކޮޅުން ދޭންޖެހޭ ފަރުވާތައް ދިނުމަށްފަހު، ސްކޭން ހެއްދުން ކަހަލަ ކަންތައް ކޮށް އިތުރު ފަރުވާއަށް އުނގޫފާރު ހޮސްޕިޓަލަށް ފޮނުވާލީ،" މަޑުއްވަރީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.