ދުނިޔޭގެ ސަތަހައިން ބޭރަށްދާ އެސްޓްރޮނޯޓުން ހިތުގެ ބަލިތަކުގައި މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާ ކަމަށް އޮންލައިން ޖާނަލްއެއް ކަމަށްވާ ސައިންޓިފިކް ރިޕޯޓްސްގައި ހިމަނާފައިވާ ދިރާސާއެއްގައި ސައިންސުވެރިން ބުނެފި އެވެ.

އާ ދިރާސާގައިވާ ގޮތުން މަރުވެފައިވާ ހަތް އެޕޯލޯ އެސްޓްރޮނޯޓުންގެ ތެރެއިން ތިން އެސްޓްރޮނޯޓުން މަރުވެފައި ވަނީ ހާޓް އެޓޭކެއް ނުވަތަ ސްޓްރޯކް ފަދަ ލޭދައުރު ކުރާ ނިޒާމުގެ ބަލިތަކުގެ ސަބަބުންނެވެ. އެއީ ކުޑަ އަދަދެއް ނަމަވެސް އެއީ ޖައްވަށް ނުދާ އެސްޓްރޮނޯޓުންނާ އަޅައިބަލާއިރު ހަތަރެއް ނުވަތަ ފަސް ގުނަ އިތުރު އަދަދެއް ކަމަށް ދިރާސާގައިވެ އެވެ.

އަދި ލޭދައުރު ކުރާ ނިޒާމަށް ގެއްލުން ލިބެނީ ޖައްވުގައި ހުންނަ ރޭޑިއޭޝަންގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ދިރާސާގައިވެ އެވެ.

"ޖައްވުގައި ހުންނަ ރޭޑިއޭޝަންގެ ސަބަބުން އިންސާނާގެ ސިއްހަތަށް، ހާއްސަކޮށް ލޭދައުރު ކުރާ ނިޒާމަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް އެނގެނީ ވަރަށް ކުޑަކޮށް،" ދިރާސާގެ ބައިވެރިއެއް ކަމަށްވާ ޕްރޮފެސަރު މައިކެލް ޑެލްޕް ވިދާޅުވި އެވެ.

ނަމަވެސް އެ އާ ދިރާސާއިން ރޭޑިއޭޝަންގެ ސަބަބުން ލޭދައުރު ކުރުމުގެ ނިޒާމަށް ކުރާ ނޭދެވޭ އަސަރުތަށް ފުރަތަމަ ފަހަރަށް ކޮންމެވެސް ވަރަކަށް އެނގިގެންދާ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.

ޖައްވުގައި ހުންނަ ރޭޑިއޭޝަންގެ ސަބަބުން ލިބޭ ގެއްލުންތައް އިތުރަށް ދިރާސާ ކުރުމުގެ ގޮތުން ސައިންސުވެރިން ވަނީ ޖައްވުގައި ހުންނަ ކަހަލަ ރޭޑިއޭޝަންއަށް މީދާތަކެއް އެކްސްޕޯޒްކޮށްފަ އެވެ. ހަމަސް ދުވަހަށް ދެމިގެން ދިޔަ އެ އެކްސްޕެރިމެންޓުން ދެއްކި ގޮތުގައި ރޭޑިއޭޝަންގެ ސަބަބުން މީދަލުގެ ލޭހޮޅިތަކަށް ގެއްލުން ލިބިފައިވެ އެވެ.

"މީދަލުގެ އެކްސްޕެރިމެންޓުން ލިބުނު މައުލޫމާތުން ދޭހަވަނީ ޖައްވުގައި ހުންނަ ރޭޑިއޭޝަނަކީ ލޭހޮޅިއަށް ގެއްލުންހުރި އެއްޗެއްކަން،" ފްލޮރިޑާ ސްޓޭޓް ޔުނިވާސިޓީގެ ޕްރޮފެސަރު ޑެލްޕް ވިދާޅުވި އެވެ.

އެމެރިކާގެ އެޕޯލޯ ސްޕޭސް ޕްރޮގްރާމަކީ 1968ކާއި 1972ކާ ދޭތެރޭ އިންސާނުން ޖައްވަށް ފޮނުވާފައިވާ ޕްރޮގްރާމެކެވެ. އަދި 1969 ވަނަ އަހަރު ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ގޮސްފައި ވަނީ އެޕޯލޯ ސްޕޭސްކްރާފްޓެއްގަ އެވެ.

ނާސާއިން މިހާރު ދަނީ މާސްއަށް އިންސާނުން ފޮނުވުމުގެ ގޮތުން، ޖައްވުގައި ދިގު މުއްދަތެއް ހޭދަ ކުރުމުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރުތައް ދިރާސާ ކުރަމުންނެވެ. (އިންޑިޕެންޑެންޓް)