25 May 2011, 12:59
ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ހަސަން އާދިލް ބަންދުގައި ބެހެއްޓުމަށް ރޭގައި އަމުރުކޮށްފައި ވާނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އާދިލް ބަންދު ކުރުމަށް ކޯޓުން ނިންމި ނަމަވެސް މީޑިޔާތަކުގައި އެ ހަބަރު ގެނެސްދީފައި ވަނީ، އާދިލް ގޭ ބަންދަށް ބަދަލު ކުރުމަށް ކޯޓުން އަމުރު ކުރީ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިއަދު ވިދާޅުވީ އެ ކޯޓުން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން އާދިލްގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާ އިރު މި މަހުގެ ހަތަރު ވަނަ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގައި ވެސް އަމުރުކޮށްފައި ވާނީ އޭނާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ކަމަށެވެ. އަދި ރޭ ވެސް ކޯޓުން އަމުރުކޮށްފައި ވާނީ އާދިލް ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މަހުގެ ހަތަރު ވަނަ ދުވަހު އާދިލް ގޭ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކުރުމުން އޭގެ ފަހުން ނެރެފައިވާ އަމުރުތަކުގެ ދަށުން ވެސް އޭނާ ބަހައްޓަނީ ގޭ ބަންދުގައި ކަމަށެވެ. އަދި އާދިލް ގޭގައި ބަންދު ނުކުރެވޭނެ ކަމަށް ކޯޓު އަމުރުގައި ބުނެފައި ނުވާ ކަމަށް ވެސް މީޑިޔާ އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު އިސް ގާޒީ ވިދާޅުވީ އެންމެ ފުރަތަމަ އަމުރުގެ މުއްދަތު ހަމަވާތީ ދެ ވަނަ ފަހަރަށް އާދިލް ކޯޓަށް ހާޒިރު ކުރީ ވެސް ފުލުހުން ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެންމެ 13 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ އަނިޔާ ދިން ކަމަށް ބުނާ މައްސަލައިގައި އޭޕްރީލް 4، 2011، ގައި އާދިލް ހައްޔަރު ކުރުމުން ކޯޓުން ވަނީ އެރޭ އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްދީފަ އެވެ. އޭގެ ފަހުން އާދިލް 10 ދުވަހަށް ބަންދުގައި ބެހެއްޓުމުގެ އަމުރަކާއި 15 ދުވަހަށް ބަންދުގައި ބެހެއްޓުމުގެ ދެ އަމުރެއް ނެރެފައިވާ އިރު އެ ހުރިހާ ފަހަރަކު ވެސް އޭނާ ބަހައްޓާފައި ވަނީ ގޭ ބަންދުގަ އެވެ.
އެންމެ ފަހުން އާދިލްގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައި ވަނީ ރޭގަ އެވެ. ރޭ އޭނާ ކޯޓަށް ގެންދިޔައިރު ފުލުހުން އޭނާ ގެންގޮސްފައި ވަނީ ބިޑި ވެސް ނައަޅުވާ ކަމަށް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު އެހެން މީހުންނެކޭ ވެސް އެއްގޮތަށް އާދިލްގެ ވެސް ބިޑި އެޅުވުމަށް އެ މައްސަލަ ބެއްލެވި ގާޒީ އަމުރު ކުރެއްވުމުން އޭނާގެ އަތުގައި ވެސް ބިޑި އެޅުވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އާދިލްގެ ބަންދުގެ މުއްދަތު އިތުރު ކުރަމުންދާއިރު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ބޮޑެތި ޖަލުގެ އަދަބުތަކެއް ކަނޑައަޅާފައިވާ "ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނު"ގެ ދަށުން އާދިލްގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ގާނޫނު އަސާސީ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ އަކުރުގައި ބުނެފައިވާ ގޮތުން ނަމަ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން ވެސް ވަކިވާނެ އެވެ.