މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ދެ ޕެކެޓަކާއި ސެލޯފިންކޮޅެއް ހިފައިގެން މާލޭ މަގުމަތީގައި އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ޖުލައި 27 ވަނަ ދުވަހުގެރޭ މެންދަމު 12:23 ހާއިރު އަސަރީ ގޯޅިއާއި އަސަރީ މަގު ގުޅުނު ކަންމަތިން އުމުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ އޭނާގެ އަމަލުތައް ހުރިގޮތުން، ފުލުހުންނަށް އޭނާގެ މައްޗަށް ތުހުމަތުކުރެވިގެން ކަމަށެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ދެ ޕެކެޓާ ސެލޯފިންކޮޅުތައް ފެނިފައިވަނީ އެމީހާގެ ހަރަކާތްތައް ހުރިގޮތުން ތުހުމަތުކުރެވިގެން ފުލުހުން އޭނާ ހުއްޓުވައި ސުވާލުކުރި ވަގުތު އެތަކެތި ބިންމައްޗަށް ވައްޓާލި ތަނުން ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތީގެ އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން ދާކަމަށެވެ.