29 Jul 2016, 11:10
އަރައިގެންހުރި ފައިވާނުގެ ވަދުތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ދެ ޕެކެޓް ފޮރުވައިގެން އުޅުނު މީހަކު ގދ. ގައްދޫން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ޖުލައި 21 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 ކަންހާއިރު އެމީހާ ހައްޔަރުކުރީ ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ގައްދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް އެމީހާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ދެ ޕެކެޓް ފެނިފައިވަނީ އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާ އަރައިގެންހުރި ފައިވާނުގެ ވަދުދަށަށްލައި ފޮރުވާފައިވަނިކޮށް ކަމަށެވެ. ފުލުހުން އެމީހާ ހައްޔަރުކޮށް އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކީގެ ދެ ބާވަތަކަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މަސްތުވަތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން ބުނީ، މަސްތުވަތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާގެ މައްސަލަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށެވެ.