ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް ނެޓްވޯކް ފޭސްބުކަށް މި އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާ ދެ ބިލިޔަން ޑޮލަރަށް އަރައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 186 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ފޭސްބުކްގެ ފައިދާ ބިލިޔަނަށް ވެސް ނާރަ އެވެ. އެ ކުއާޓަރުގައި ފޭސްބުކަށް ލިބުނީ 719 މިލިޔަން ޑޮލަރުގެ ފައިދާ އެވެ.

އެނަލިސްޓުން ތިބީ މި ކުއާޓާގައި ފޭސްބުކަށް 5.8 ބިލިޔަންގެ އާމްދަނީއެއް ނުވަތަ ރެވެނިއުއެއް ލިބޭނެ ކަމަށް ހީކޮށްގެންނެވެ. އެހެން ނަމަވެސް އެނަލިސްޓުން ލަފާކުރި އަދަދަށް ވުރެ ވެސް ބޮޑު ރެވެނިއުއެއް ފޭސްބުކުން މި ކުއާޓަރުގައި ހޯދި އެވެ. އެއީ 6.4 ބިލިޔަން ޑޮލަރެވެ.

ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވީ ވިޔަފާރި ރަނގަޅު ކުއާޓާއަކާ އެކު ފޭސްބުކް ކުންފުނިން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި، އާމްދަނީ އިތުރުވެފައި ވަނީ ވީޑިއޯ މެދުވެރިކޮށް އިޝްތިހާރު ކުރާ ފަރާތްތަކުގެ އަދަދު އިތުރުވުމުން ކަމަށެވެ.

އިޝްތިހާރު މެދުވެރިކޮށް ފޭސްބުކަށް ލިބުނު އާމްދަނީގެ ތެރެއިނ 84 ޕަސަންޓަކީ ވީޑިއޯ އިޝްތިހާރުން ލިބުނު އާމްދަނީ އެވެ.

ސަރަހައްދީ ގޮތުން ބަލާ އިރު އޭޝިއާ ސަރަހައްދުން ފޭސްބުކަށް ލިބުނު އާމްދަނީ 19 ޕަސަންޓު މައްޗަށް ޖެހިލާފައިވާ އިރު ވިލާތުން ފޭސްބުކްގެ އާމްދަނީ 21 ޕަސަންޓަށް އިތުރުވެފައި ވެ އެވެ.

މިދިޔަ ކުއާޓަރާ އަޅައިބަލާއިރު އެވަރޭޖް ގޮތެއްގައި ދުވާލަކު 1.13 ބިލިޔަން މީހުން ފޭސްބުކް ބޭނުންކޮށްފައި ވެ އެވެ. އޭގެ ތެރެއިން މޯބައިލް މެދުވެރިކޮށް ފޭސްބުކް ބޭނުންކުރި މީހުންގެ އަދަދަކީ 1.03 ބިލިޔަނެވެ.