29 Jul 2016, 00:06
ހއ. ކެލާ އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމެންޓަލް އެވެއާނަސް ސޮސައިޓީ (އައިޑިއާސް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޔޭޔޭ އައިޑިއާސް ކަޕްގައި ނައިފަރު ލަދުގަންނަވާލުމަށްފަހު، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފި އެވެ.
އެމްއާރްޑީސީން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕް އީގައި ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެގެންނެވެ. ކުޅިވަރު އެކުވެނި ވެލިދަނޑުގައި މިއަދު ހަވީރު ނައިފަރާ ދެކޮޅަށް ކުޅުނު މެޗުން ފަސޭހަކަމާއެކު 11-1 ލަނޑުން އެމްއާރްޑީސީން ވަނީ މޮޅުވެފަ އެވެ.
އެ މެޗުގައި އެމްއާރްޑީސީން ކާމިޔާބުކުރި 11 ލަނޑުގެ ތެރެއިން ހުޒައިފަތު ރަޝީދާއި އިސްމާއިލް އީސާ (މެސީ)، އެއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. އެ ޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ މުއާޒާއި، އަލީ މަލާޝް އާއި، އަބްދުﷲ ޝާފިރު އާއި، މުހައްމަދު ސުޖާން އަހްމަދު އަދި އަކްރަމް އަބްދުލްޤަނީ (އަކޫ) އެވެ.
މެޗުގައި ނައިފަރުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު މުސައިދު މުހައްމަދެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެމްއާރްޑީސީ އަށް ތިން ލަނޑު ކާމިޔާބުކޮށްދިން ހުޒައިފަތު ރަޝީދެވެ.
އެ ނަތީޖާއާއެކު ގްރޫޕް އީގައި ކުޅުނު ދެ މެޗުން އެމްއާރްޑީސީ ހަ ޕޮއިންޓް ހޯދާފައިވާ އިރު، ބީއެމްއެލް ވެސް ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. ބީއެމްއެލް އިން ވެސް ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
ގްރޫޕުގައި ދެން ހިމެނޭ ނައިފަރާއި މުންޑިއާންސް ވެސް މިހާތަނަށް ކުޅުނު ދެ މެޗުން ވަނީ ބަލިވެފަ އެވެ.
މި މަހުގެ 20 އިން ފެށިގެން އަންނަ މަހުގެ 12 އަށް ކުރިއަށްދާ އައިޑިއާސް ކަޕުގައި 24 ޓީމެއް ވާދަކުރާ އިރު، އެ ޓީމުތައް ހަ ގްރޫޕަކަށް ބަހާލާފައިވެ އެވެ.
މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އޭގެ އިތުރުން ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ޓީމަކަށް ވެސް ގަދަ 16 އިން ޖާގަ ލިބޭނެ އެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނާއި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ނިންމާފައިވެ އެވެ.
އައިޑިއާސް ކަޕްގެ އެކްސްކްލޫސިވް ސްޕޮންސަރަކީ ބީއެޗްއެމް ޓްރޭޑާސް އެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ އޮންލައިނެވެ.