29 Jul 2016, 10:42
ޑައިރެކްޓަރު އަނޫރާގް ބާސޫގެ "ޖައްގާ ޖާސޫސް" އަށް ވަރަށް ބޮޑު އިންތިޒާރެއް ކުރަމުން އަންނަ ކަމަށް އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ކާމިޔާބު ބަތަލު، ރަންބީރު ކަޕޫރު ބުނެފި އެވެ.
"ޖައްގާ ޖާސޫސް" ގައި ރަންބީރު އާއެކު ދެން ފެނިގެންދާނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އެވެ.
އެ ފިލްމު ރިލީޒް ކުރުމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރުއެ ދިމާވި ބައެއް މައްސަލަތަކުގެ ސަބަބުން ފިލްމުގެ މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު ފަހަނަ އަޅައި ގޮސް، ރިލީޒް ކުރަން ނިންމި ތާރީހު ވެސް ދެ ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފަ އެވެ.
ފިލްމު ލަސްވާން މެދުވެރިވި ސަބަބު ތަކުގެ ތެރޭގައި ރަންބީރާއި ކެޓްރީނާއާ ދެމެދު އޮތް ލޯބީގެ ގުޅުން ނިމުމަމަކަށް އައުން ވެސް ހިމެނެ އެވެ. ދެމީހުން ރުޅިވުމަށް ފަހު އެކަކު އަނެކަކާ ވާހަކަ ދައްކަން ވެސް އިންކާރު ކުރި ކަމަށް ހަބަރުތައް ބުނެ އެވެ.
ދެމީހުންގެ ދޭތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރު "ޖައްގާ ޖާސޫސް" އަށް ކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ރަންބީރު ބުނީ އެއީ ވަރަށް ހާއްސަ، އަދި މޮޅު ފިލްމަކަށް ވާނެ ކަމަށެވެ.
"އަހަރެން ވަރަށް ބޮޑު އިންތިޒާރެއް ކުރަން އެބަ ފިލްމު ރިލީޒް ވާނެ ދުވަހަކަށް. ފިލްމުގެ މަސައްކަތް ކުރިއަށް ދާތާ މިހާރު ތިން އަހަރު ވެއްޖެ. އެކަމަކު އަދިވެސް މިއޮތީ ޕްރޮސެސިން ގައި. މިއީ ވަރަށް ހާއްސަ އަދި ތަފާތު މޮޅު ފިލްމަކަށް ވާނެ،" ރަންބީރު ބުންޏެވެ.
އަނޫރާގް ބާސޫ އަށް ތައުރީފު ކުރަމުން ރަންބީރު ބުނީ އަނޫރާގަކީ އަބަދުވެސް ތަފާތު މޮޅު ފިލްމު ހަދާ މީހެއް ކަމަށާއި، އެ ފިލްމުތަކުގައި ހުންނަ އަސަރުގެ ސަބަބުން ލޮލުން ކަރުނަ އަންނަވަރު ވާ ކަމަށެވެ.
ަރަންބީރު އާއި އަނޫރާގް ވަނީ ކާމިޔާބު ފިލްމު "ބަރްފީ" ގައި ވެސް އެކުގައި މަސައްކަތް ކޮށްފަ އެވެ.