ޒާތީ އެއްވެސް ކަމެއްގެ ބަދަލު ހިފުމަށް މެޖޯރިޓީގެ ބޭނުން ހިފައިފި ނަމަ ވެގެންދާނެ ގޮތަކާ މެދު ސުވާލު އުފެދޭކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު ދިއްދޫ ދާއިރާގެ އަހްމަދު ސަމީރު ފާޑު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބުދުއްރަހީމް އެމްޑީޕީ އަށް ސޮއި ކުރެއްވުމުގެ ގޮތުން ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ގާނޫނުތައް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެ، ފަނޑިޔާރުންނަށާއި ޖުޑިޝަލް ސާވިސް ކޮމިޝަނަށް އިންޒާރު ދެއްވައި މޫސަ މަނިކު ދެއްކެވި ވާހަކަތަކާ ގުޅިގެން ސަމީރު އޭނާގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައި ވަނީ، މަޖިލީހުގެ މެޖޯރިޓީގެ ބޭނުން ހިފަން ޖެހޭނީ ޒިންމާދަރު ގޮތެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް މެންބަރުންގެ ވާހަކަތައް ހުރީ އެގޮތަށް ނޫން ކަމަށެވެ. އަދި ޒިންމާދާރުކަން ކުޑަ ގޮތަކަށް ޕާޓީގެ ކޮންމެ މެންބަރަކު މަޖިލީހަށް ހުށަހަޅުއްވާ ކޮންމެ ކަމަކަށް ތާއީދު ކުރުމުގެ އުސޫލަކީ އެމްޑީޕީގެ ޕާލަމްނެޓްރީ ގްރޫޕުގެ ތެރޭގައި އޮންނާނެ ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. ޒާތީ އެއްވެސް ކަމެއްގެ ބަދަލު ހިފުމަށް މެޖޯރިޓީގެ ބޭނުން ހިފައިފި ނަމަ ދެންވެގެންދާނީ ކިހިނެއްތޯ ވެސް ސަމީރު ވަނީ ސުވާލު ކުރައްވައިފަ އެވެ.
އެމްޑީޕީން ވަކިވެވަޑައިގަންނަވަން އުޅުއްވާ ކަމަށް ވާހަކަ ދެކެވޭ މި ދަނޑިވަޅުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫމުގެ އުސޫލުތަކަށް ފާޑު ވިދާޅުވަމުން ސަމީރު ވިދާޅުވެފައި ވަނީ، ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ ހިންގުތެރިކަމާއި ކަންކަން މަޝްވަރާގެ އުސޫލުން ނިންމުމަށް ޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"ފާއިތުވެދިޔަ މުއްދަށް ބަލާއިރު އެނގިގެން ދިޔައީ ޕީޖީ [ޕާލަމެންޓްރީ ގްރޫޕް] ހިންގާ ޤަވައިދެއް ވެސް އެކަށީގެންވާ ގޮތެއްގައި ހެދިފައި ނެތްކަމެވެ. އެހެންކަމުން މިހާރު ވަނީ ޕީޖީގެ ޤަވާއިދެއްގެ ޑްރާފްޓެއް އެކުލަވާލެވި މެންބަރުންގެ ކޮމެންޓަށް ފޮނުވިފަ އެވެ. އެކަންކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭތޯ ކުރަމުންދާ މަސައްކަތްތައް ފުރިހަމަ ކުރެވިގެން މެނުވީ ޕީޖީގެ ހިންގުން ހަރުދަނާވެގެން ޑިމޮކްރެޓިކް އުސޫލުން ހިންގޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެ އެވެ." ސަމީރު ވިދާޅުވެފައިވެ އެވެ.

ސަމީރު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަންކަމުގައި ވޯޓުލާނެ ގޮތުގެ ވިޕުލައިން ނެރުމާއި މަޖިލީހުގައި މެންބަރުން ވާހަކަ ދެއްކުމަށް ޕާޓީ އަށް ލިބޭ ވަގުތުތައް ބަހާލާނެ ގޮތުގެ އުސޫލެއް ނެތުމުން އެކަކު އެކަނި ވަގުތުތައް ބޭނުންކުރަމުންދާ މައްސަލައާ މެދު ވެސް މެންބަރުންގެ ކަންބޮޑުވުން އޮންނަ ކަމަށެވެ.