"ޔޭ ޖަވާނީ ހޭ ދިވާނީ" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އާޔަން މުކަރްޖީގެ ކުރިއަށް އޮތް ފިލްމު، "ޑްރެގަން" އިން ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް އެކުގައި ފެނިގެންދާނެ ކަން ޔަގީންވެއްޖެ އެވެ.

އާލިއާ އަދި ރަންބީރު އެކުގައި ފިލްމަކުން ފެނިގެން ދިއުމަކީ ގިނަ ބައެއްގެ އިންތިޒާރެކެވެ. އެ އިންތިޒާރަށް ނިމުމެއް އަންނަން އުޅޭ ކަމުގެ ސިގްނަލް ލިބުނީ އާޔަން މުކަރްޖީ އާއެކު އާލިއާ އަދި ރަންބީރު ކުރިއަށް ގެންދިޔަ މަޝްވަރާ އެއްގެ ސަބަބުންނެވެ.

ސޯޝަލް މީޑިއާ ގައި އާންމުވި ފޮޓޯ ތަކާއެކު ރަންބީރު އަދި އާލިއާ އެކުގައި ފެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު ގަދަވި އެވެ. އެއާއެކު އާލިއާ ވެސް މިވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި އާލިއާ ވަނީ އާޔަންގެ ކުރިއަށް އޮތް ފިލްމުން ރަންބީރު އާއެކު އޭނާ ފެނިގެންދާނެ ކަން ޔަގީންކޮށްދީފަ އެވެ.

އާލިއާ އާއެކު ފިލްމަކަށް ކާސްޓު ކުރުމަށް އާޔަން ގާތު އެދިފައި ވަނީ ވެސް ރަންބީރު އެވެ.

އާޔަންގެ ކުރިއަށް އޮތް ފިލްމު "ޑްރެގަން" އަކީ ސުޕަހީރޯ ފިލްމެއް ކަމަށްވެ އެވެ.

މިއީ އާޔަން އާއި އާލިއާ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރު ނަމަވެސް، ރަންބީރު ވަނީ މީގެ ކުރިންވެސް އާޔަން އާއެކު ދެ ފިލްމެއްގައި މަސައްކަތް ކޮށްފަ އެވެ. އެއީ "ވޭކް އަޕް ސިޑް" އަދި "ޔޭ ޖަވާނީ ހޭ ދިވާނީ" އެވެ.