29 Jul 2016, 10:49
މި ދުވަސްކޮޅު މީޑިއާގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކަ އަކީ ބޮލީވުޑުގެ ބަތަލާ ނަރުގިސް ފަޚުރީ ބޮލީވުޑް ފިލްމު ކުޅުން ހުއްޓާލުމަށް ފަހު އިންޑިއާ އަށް ވެސް މުޅިން އަލްވަދާއު ކިޔާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ.
ނަރުގިސް ބޮލީވުޑް ދޫކޮށްލި ކަމަށް ވާހަކަ ދެކެވެން ފެށީ، މި އަހަރު ތެރޭގައި ނުކުތް އޭނާގެ ދެ ފިލްމު "އަޒްހަރު" އަދި "ހައުސްފުލް 3" ގެ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވެ އޭނާގެ އުފަން ގައުމު، ޔޫކޭ އަށް ފުރައިގެން ދިއުމުންނެވެ.
ޔޫކޭ އަށް ދިއުމަށް ފަހު ނަރުގިސް ބުނެފައި ވަނީ، އޭނާ މަސައްކަތުން ކުޑަ ބްރޭކެއް ނެގީ ސިއްހީ މައްސަލަތަކެއް ދިމާވެ، މަޖުބޫރުވެގެން ކަމަށެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ކުއްލި ގޮތަކަށް އެއްވެސް އެންގުމެއް ނެތި، ދެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ހުއްޓާލައި، އޭނާގެ ކުރިއަށް އޮތް ފިލްމު "ބަންޖޯ" ގެ މަސައްކަތް ވެސް ނުނިންމައި ފުރައިގެން ދިޔައީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބެލެވޭ، ބޮލީވުޑުގެ އެކްޓަރު އުދޭ ޗޯޕްޅާ އެ ގުޅުން ނިންމާލުމުން، ލިބުނު ހިތާމައިގެ ބޮޑުކަމުންނެވެ.
ދެމީހުންގެ މެދުގައި އޮތް ގުޅުން އުދޭ ނިންމާލީ، ކައިވެނީގެ ހުރިހާ ކަމެއް ވެސް ނިމިފައި ވަނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ. ނަރުގިސް އެ ވާހަކަތައް ދޮގުކޮށްފައި ވީނަމަވެސް، އޭނާ ޔޫކޭ އަށް ދިޔަ ފަހުން މިހާރު ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އަދި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރާ ފޮޓޯތަކުން ސީރިއަސް ސިއްހީ މައްސަލަތަކެއް އުޅޭ ކަމަކަށް ވެސް ނުބެލެވެ އެވެ.
ފަހަރެއްގައި އޭނާ ބޮލީވުޑާ ދުރަށް ގޮސް އިންޑިއާ އަށް ވެސް ދެން ނާންނާނެ ކަމަށް ހަބަރުތައް ފެތުރުނީ އެހެންވެ ކަމަށް ވެދާނެ އެވެ. ނަމަވެސް ނަރުގިސް މިހާރު ވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
އޭނާގެ ކުރިއަށް އޮތް ފިލްމު "ބަންޖޯ" ގެ ޕޯސްޓަރަކާ އެކު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ނަރުގިސް ބުނީ ޔޫކޭގައި ކުރިއަށް ދާ މަސައްކަތެއް ނިންމާލުމަށް ފަހު އެނބުރި އިންޑިއާ އަށް ގޮސް "ބަންޖޯ" ގެ ޕްރޮމޯޝަން މަސައްކަތްތައް ކުރުމަށް ބޭނުންވެފައި ހުރި ކަމަށެވެ.
އެ ޕޯސްޓާ އެކު ލިޔެފައި ވަނީ ބޮލީވުޑާ ދުރަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި، ނަފުރަތު ކުރާ މީހުން ނަފުރަތު ކުރާނެ ކަމަށެވެ.
އަދި މިހާރު ދެކެވެމުން އަންނަ ވާހަކަ ތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރަވީ ޖާދަވް ޑައިރެކްޓު ކުރާ "ބަންޖޯ" ގައި ނަރުގިސް އާއެކު ފެނިގެންދާނީ ރިތޭޝް ދޭޝްމުކް އެވެ. އެ ފިލްމު ރިލީޒް ކުރުމަށް ނިންމާފައި ވަނީ އަންނަ އަހަރު އެވެ.