ބައިނަލްއަގުވާމީ ދިރާސީ މުބާރާތެއް ކަމުގައިވާ ވޯލްޑް ސްކޯލާސް ކަޕްގައި ބައިވެރިވެ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފަޚުރުވެރި ވަނަތަކެއް ހާސިލު ކޮށްފި އެވެ.

ވޯލްޑް ސްކޮލާސް ކަޕް އަކީ އެމެރިކާގެ ޑެމިޑެކް ކުންފުނިން، 2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިންތިޒާމުކޮށް ބާއްވަމުން އަންނަ އެކެޑެމިކް މުބާރާތެކެވެ.

މި މުބާރާތުގެ ފޯމެޓް އޮންނަނީ ތިން ރައުންޑަކަށެވެ. ފުރަތަމަ ބާއްވާ ގްލޯބަލް ރައުންޑުން ހޮވޭ ޓީމުތައް މިނީ ގްލޯބަލް ރައުންޑުގެ ނަމުގައި ކުރިޔަށްދާ ދެވަނަ ބުރަކަށް ހޮވެ އެވެ. އަދި އެ ބުރުން ހޮވޭ ފަރާތްތައް "ޓޯނަމެންޓް އޮފް ޗެމްޕިއަންސް"ގައި ވާދަ ކުރުމަށް ނޮމިނޭޓު ވާނެ އެވެ.

ވޯލްޑް ސްކޮލާސް ކަޕްގައި ބައިވެރިވި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ ސީނިއާ ޓީމް -- ފޮޓޯ/ ޖީއައިއެސް

ޖުލައި 22 އިން 26 ގެ ނިޔަލަށް، ޗެކް ރިޕަބްލިކްގެ ޕްރާގުގައި ކުރިޔަށް ދިޔަ ވޯލްޑް ސްކޮލާސް ކަޕުގެ މިނީ ގްލޯބަލް ރައުންޑުގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން 12 ދަރިވަރަކު ބައިވެރިވި އެވެ.

ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް ޠާހާ ސަލީމް ސަންއަށް ވިދާޅުވި ގޮތުގައި، މި މުބާރާތުގައި ކުރިޔަށް ދިޔަ އެކިއެކި ބައިބައިގައި ބައިވެރިވާ އިރު، އެ ސްކޫލުގެ ފަރާތުން މުބާރާތުގައި ވާދަކުރި ގާތްގަނޑަކަށް ހުރިހާ ދަރިވަރުންނަށް ވަނީ ވަނަތައް ލިބިފަ އެވެ.

މީގެ ތެރެއިން، އެ ސްކޫލުގެ ޓީމަށް ޗެމްޕިއަން ޑިބޭޓުން ރިހި މެޑަލަކާއި، މުބާރާތުގައި ދަރިވަރުން އިމްތިހާނު ކުރެވުނު ހުރިހާ މާއްދާގެ ޖުމްލައަށް ބަލާ އިރު އެ ސްކޫލުގެ ދަރިވަރަކަށް ރަން މެޑަލަކާއި ދެކުނު އޭޝިއާ ސަރަހައްދުން އެންމެ ރަނގަޅު ބައިވެރިޔާގެ މަގާމު އެ ސްކޫލުގެ ދަރިވަރަކަށް ލިބުނުކަން ޠާހާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އެ ސްކޫލުގެ ފަރާތުން ސްކޮލާސް ކަޕްގައި ބައިވެރިވި ސީނިއާ ޓީމު ވަނީ ސްކޮލާސް ކަޕްގެ ޓޯނަމެންޓް އޮފް ޗެމްޕިއަންސްއަށް ވެސް ކޮލިފައި ވެފަ އެވެ. އެ ޓޯނަމެންޓް އޮންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު، އެމެރިކާގެ ޔޭލް ޔުނިވާސިޓީގަ އެވެ.