ލ. މާބައިދޫގައި ރޭ ފަސް މީހުން ވެގެން 18 އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުތުގައި މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް ވިދާޅުވީ އެ މައްސަލައިގާ އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އުމުރެއްގެ، ކޮން ރަށެއްގެ މީހެއްކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"އެކަމުގެ އިތުރު ތަފްސީލް ފަހުން ދޭނަން،" ޝިޔާމް ވިދާޅުވި އެވެ.

ފޯނުން ވާހަކަ ދައްކަމުން މާބައިދޫގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އަންހެން ކުއްޖާއަށް ފަސް މީހުން ވެގެން ހަމަލާދީ އޭނާގެ އަނގަމަތީގައި އަތްއަޅައިގެން އެ ރަށުގެ ފުއްޓަރަށް ގެންގޮސް ރޭޕްކުރީ ރޭ ގާތްގަނޑަކަށް 6.30 އެހާކަންހާއިރު ކަމަށް އެ އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ އެ ރަށު ކައުންސިލުން މިއަދު ބުންޏެވެ.

އަންހެން ކުއްޖާ ގެއަށް ނައިސް ލަސްވެގެން އޭނާގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހޯދަމުން ދަނިކޮށް އޭނާ ފެނިފައި ވަނީ ފުއްޓަރު ސަރަހައްދުގެ ވަލުތެރޭގައި ހުރި ރުކެއްގެ ބުޑުގައި އިށީނދެގެން އިންދާ ކަމަށް ވެސް އާއިލާއާ ހަވާލާދީ މާބައިދޫ ރަށު ކައުންސިލުން ބުންޏެވެ.

އެ ރަށު މީހަކު ބުނީ އެ އަންހެންކުއްޖާ އަށް ހިނގައި ނުގަނެވޭ ކަމަށާއި އޭނާގެ ހެދުން ވީދާލައި ބުރުގާ ވެސް އެ ހިސާބުގައި ފެންނަން ނެތް ކަމަށެވެ.