އައިލެންޑް ބެވެރޭޖަސް މޯލްޑިވްސް އިން އުފައްދާ "ތާޒާ" ބްރޭންޑްގެ މިނަރަލް ވޯޓާގެ ބައެއް ފުޅިތަކުގައި ބެޗް ނަމްބަރުތަކަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އައިލެންޑް ބެވެރޭޖާސް އިން މިއަދު ބުނީ ބެޗް ނަމްބަރަށާއި ފުޅީގެ އަސްލަށް ބަދަލުއައި މައްސަލަ ހައްލުކުރުމުން އެ ފެންފުޅިތައް ވިއްކުމަށް ފުޑް އެންޑް ޑްރަގު އޮތޯރިޓީން ހުއްދަ ދީފައިވާ ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިއްޔެ ވަނީ "ތާޒާ" ބްރޭންޑްގެ މިނަރަލް ވޯޓާގެ ބައެއް ފުޅިތަކުގައި ބެޗް ކޯޑާއި އުފެއްދި ތާރީހް އެނގެން ނުހުންނަ ކަމަށް ބުނެ އެފަދަ ފުޅިތައް ވިއްކުން މަނާކޮށްފައެވެ.

އައިލެންޑް ބެވެރޭޖާސް އިން ބުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބެޗް ނަމްބަރު ނުޖެހިފައިވަނީ 330 މިލިލީޓަރާއި 500 މިލިލީޓަރުގެ އިތުރުން 1.5 ލީޓަރުގެ ފެންފުޅިތަކުގައި ކަމަށެވެ. ބެޗް ނަމްބަރު ނެތްނަމަވެސް ފެނުގެ ކޮލިޓީއަށް އެއްވެސް ބަދަލެއް އައިސްފައިނުވާނެ ކަމަށް އެކުންފުނިން ބުނެއެވެ.