28 Jul 2016, 16:11
މިހާރު ކުރިއަށްދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ، ތ. ވަންދޫ އާއި ތ. ގުރައިދޫ ފެށުން ރަނގަޅުކޮށްފި އެވެ.
ގުރައިދޫ ފުޓްބޯޅަ ދަނޑުގައި އިއްތެ ކުޅުނު މެޗުގައި ތ. ވޭމަންޑޫ އަތުން ގުރައިދޫ މޮޅުވި އިރު، ތިމަރަފުށީ ދަނޑުގައި ކުޅުނު މެޗުގައި ތ. ކިނބިދޫ އަތުން ވަންދޫ މޮޅުވީ 2-1 ލަނޑުންނެވެ.
މިދިޔަ އަންގާރަ ދުވަހު ފެށި އެ މުބާރާތުގެ ތ. އަތޮޅު ގްރޫޕް އެކެއްގައި ކުޅުނު މެޗުގައި ކިނބިދޫ ކޮޅަށް ވަންދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ސަހީލް އާއި އަހްމަދު ޝަބީން އެވެ. އަދި ކިނބިދޫގެ ލަނޑަކީ ވަންދޫގެ އަހްމަދު ހަސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ތ. އަތޮޅު ގްރޫޕް ދޭއްގައި ކުޅުނު މެޗުގައި ގުރައިދޫ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އާދަމް އަފީފް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަރީފް އެވެ. މެޗުގައި ވޭމަންޑޫ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މޫސާ މުހައްމަދު މަނިކެވެ.

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތ. ގުރައިދޫ އާއި ތ. ވޭމަންޑޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ގުރައިދޫ ---
ތ. އަތޮޅު ގްރޫޕް އެކެއްގައި ހަތަރު ޓީމު ވާދަކުރާ އިރު، ގްރޫޕް ދޭއްގައި ހިމެނެނީ ތިން ޓީމެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ތިމަަރަފުށްޓާއި، ހިރިލަންދޫ އާއި، ވަންދޫ އަދި ކިނބިދޫ އެވެ. އެ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ތިމަރަފުށީ ދަނޑުގަ އެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ގުރައިދޫ އާއި ވޭމަންޑޫ އަދި ވިލިފުށްޓެވެ. އެ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ގުރައިދޫ ފުޓްބޯޅަ ދަނޑުގަ އެވެ.
ތ. އަތޮޅު ގްރޫޕްގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ. ތ. އަތޮޅު ގްރޫޕް އެކެއްގައި މާދަމާ ހަވީރު 4:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތިމަރަފުށްޓާއި ވަންދޫ އެވެ.
ކޮންމެ ގްރޫޕެއްގެ އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދަތުރުކުރާ އިރު، އެ ބުރު ކުޅެގެން ޗެމްޕިއަންކަން ހޯދާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ. އެ ބުރުގައި ވާދަކުރާނީ ޒޯން ހައެއްގެ އަތޮޅު ޗެމްޕިއަނުންނެވެ.
ޖުމްލަ 75 ރަށުން ވާދަކުރާ މި އަހަރުގެ މުބާރާތުގައި އެންމެ މަދުން ބައިވެރިވެފައި ވަނީ ޏ. އަތޮޅާއި ވ. އަތޮޅުންނެވެ. އެ ދެ އަތޮޅުން ވެސް ބައިވެރިވީ އެންމެ ޓީމެކެވެ. އަދި ނ. އަތޮޅާއި ބ. އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް ބައިވެރިވީ ދެ ޓީމެވެ. އެއްވެސް ޓީމެއް ބައިވެރިނުވަނީ އއ. އަތޮޅުންނެވެ.