ގދ. ގައްދޫގައި ހެލްތު ސެންޓަރެއް އެޅުމުގެ ގޮތުން، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގައްދޫގައި ހެލްތު ސެންޓަރެއް އެޅުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި 50،000 ރުފިޔާ ބަހައްޓަންވާނެ ކަމަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ފިނޭންސުން ބުނީ ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓު އަގުގެ ފަސް ޕަސެންޓު ހުށަހަޅަންޖެހޭނެ ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަނަރަ ޕަސެންޓު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިން މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓަސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން މިންގަނޑުތަކަށް ފެތޭ ފަރާތްތަކަށް ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށެވެ. އެ ފައިސާ ބަލައިގަންނާނީ އަންނަ މަހުގެ 28ގެ ކުރިން ކަމަށް ވެސް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

ގައްދޫގައި ހެލްތު ސެންޓަރެއް އަޅައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާ އިރު ގއ. ވިލިނގިލީ ހޮސްޕިޓަލުގައި އިތުރު ކުރެވޭ އިމާރާތް އެޅުމަށް ވެސް ބަޔަކު ހޯދުމަށް ވަނީ އިއުލާނުކޮށްފަ އެވެ.

އެ ދެ މަސައްކަތުގެ ޕްރީ ބިޑު ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:00ގަ އެވެ. އަދި އެ ދެ މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 29ވަނަ ދުވަހުގެ މެންދުރު 1:00ގަ އެވެ.