28 Jul 2016, 15:10
އަންކާރާ (ޖުލައި 28): ތުރުކީއަށް މިމަހުގެ 15 ވަނަ ދުވަހު ގެންނަން މަސައްކަތް ކުރި ބަޣާވާތާ ގުޅިގެން އެގައުމުގެ ސަރުކާރުން ދެމުންދާ އަދަބުތަކާ ދެކޮޅު ހެދުމުގެ ގޮތުން ތުރުކީ އަސްކަރިއްޔާގެ އިސް ދެ ޖެނެރަލުން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ތުރުކީގެ ސުޕްރީމް މިލިޓަރީ ކައުންސިލުގެ ހަތަރު ޖެނެރަލުންގެ ތެރެއިން ދެ ޖެނެރަލުން ކަމަށްވާ ޖެނެރަލް އިހްސާން އުޔާރު އާއި ކާމިލް ބަސޮގްލޫ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ތުރުކީގެ އަސްކަރިއްޔާއަށް ބޮޑެތި ބަދަލުތައް ގެނައުމާ ބެހޭ ގޮތުން ތުރުކީގެ ބޮޑުވަޒީރު ބިނާލީ ޔިލްދްރިމް ގައުމުގެ ސުޕްރީމް މިލިޓަރީ ކައުންސިލްއާ މިއަދު ބައްދަލު ކުރައްވަން ހަމަޖައްސަވާފައި ވަނިކޮށެވެ.
ތުރުކީގެ ސުޕްރީމް މިލިޓަރީ ކައުންސިލުގައި އެގައުމުގެ އަސްކަރިއްޔާގެ އެއްގަމާއި، ކަނޑާއި، ވައިގެ ސިފައިންގެ ކޮމާންޑަރުން ހިމެނެ އެވެ.
ތުރުކީ ސަރުކާރުން އިއްޔެ ވަނީ ބަޣާވާތުގައި ބައިވެރިވި ކަމަށް ބުނާ 149 ޖެނެރަލުން ވަޒީފާ އިން ވަކި ކޮށްފަ އެވެ. އަދި ތިން ނޫސް އޭޖެންސީ އާއި 16 ޓީވީ ޗެނަލާއި 45 ނޫހާއި 15 މެގަޒިން ބަންދު ކުރަން އަމުރު ނެރެފަ އެވެ. (އަލްޖަޒީރާ)