Back
Nov 23, 2025 SUN
SUN

ޒިދާންގެ ދެ ދަރިން ހިމަނައިގެން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވެއްޖެ

ޒިދާންގެ ދެ ދަރިން ހިމަނައިގެން ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް ބަލިވެއްޖެ
Lead photo

އެމެރިކާ އަދި ޔޫރަޕްގެ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ދެ ދަރިން ހިމަނައިގެން ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ދެކޮޅަށް ރެއާލް ކުޅުނު މެޗުން ބަލިވެއްޖެ އެވެ.

އެ މުބާރާތުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ޒުވާން ޓީމަށް ކުޅޭ މިޑްފީލްޑަރު އެންޒޯ ޒިދާން އާއި ގޯލްކީޕަރު ލޫކާ ޒިދާން ހިމެނި ނަމަވެސް، އެ މެޗުން 3-1 ލަނޑުން ރެއާލް ވަނީ ބަލިވެފަ އެވެ. ކޯޗު ޒިދާން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެންޒޯ އެރުވި ނަމަވެސް، ކީޕަރު ލޫކާ އަށް ކުޅުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.

ރެއާލްގެ ފުރަތަމަ 11 އިން ފެނުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި މާސެލޯ އާއި ރަފައެލް ވަރާން އާއި އިސްކޯ އަދި އަލްވާރޯ މޮރާޓާ ފާހަގަކޮށްލެވެ އެވެ. ޕީއެސްޖީގެ ފުރަތަމަ 11 އިން އެ ޓީމުގެ އާ ކޯޗު އުނޭ އެމެރީ ޖާގަ ދިން މުހިއްމު ކުޅުންތެރިންގެ ތެރޭގައި ތިއާގޯ ސިލްވާ އާއި ލޫކަސް އާއި ހާވިއާ ޕަސްތޯރޭ އަދި އެޑިސަން ކަވާނީ ފާހަގަކޮށްލެވެ އެވެ.

އެމެރިކާ އަދި ޔޫރަޕްގެ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ޕީއެސްޖީ --- ފޮޓޯ: ގެޓީ

މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިން ލަނޑާއި ރެއާލް އިން ކާމިޔާބުކުރި ލަނޑު ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ތެރޭގަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ޖޮނަތަން އިކޯން އެވެ.

މެޗުގެ 18 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކުރުމަށް ރެއާލް އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕީއެސްޖީގެ ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެފައި ރެއާލްގެ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވަޗިޗް އުފެއްދި އެ ހަމަލާ، ކީޕަރު ކެވިން ޓްރޭޕް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެ ވަނަ ލަނޑު ފެނިގެން ދިޔަ އިރު، އެ ޓީމުގެ ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 40 ވަނަ މިނެޓުގަ އެވެ. އެ ދެ ލަނޑު ވެސް ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ އެ ޓީމާ އަލަށް ގުޅުނު ބެލްޖިއަމް ޑިފެންޑަރު ތޯމަސް މަނީއޭ އެވެ.

ރެއާލް އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. ރެއާލް އަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ބްރެޒިލް ޑިފެންޑަރު މާސެލޯ އެވެ. ރެއާލް އަށް އެ ޕެނަލްޓީ ލިބުނީ ޕީއެސްޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިސްކޯ އަށް ސާޖެ އޯރިއާ ކުރި ފައުލަކާ ގުޅިގެންނެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާންގެ ދޮށީ ދަރި އެންޒޯ ޒިދާން: ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި އެންޒޯ ފެނިގެންދިޔަ ---

މެޗުގެ ދެވަނަ ހާފަށް ރެއާލް އިން ނުކުތީ ބޮޑު ބަދަލަކާއެކު އެވެ. ރެއާލްގެ ކޯޗު ޒިދާން ވަނީ ފުރަތަމަ ހާފުގައި ކުޅުނު ހުރިހާ ކުޅުންތެރިން ބަދަލުކޮށްފަ އެވެ. ދެވަނަ ހާފުގައި ކުޅެން އެރުވި ކުޅުންތެރިންގެ ތެރޭގައި ޒިދާންގެ ދޮށީ ދަރި އެންޒޯ އަށް ވެސް ހިމެނެ އެވެ. މެޗުގައި އެންޒޯގެ ފަރާތުން ހުނަރުވެރި ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް، ރެއާލް އަށް ލަނޑެއް ކާމިޔާބު ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެވިފައެއް ނުވެ އެވެ.

އެމެރިކާ އަދި ޔޫރަޕްގެ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގައި ޕީއެސްޖީ އާއި ރެއާލްއާ އެކު ދެން ވާދަކުރަނީ އިނގިރޭސިވިލާތުގެ ޗެލްސީއާއި ލިވަޕޫލް އާއި އިޓަލީގެ އޭސީ މިލާނާއި، އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ އާއި ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކާއި، ސްކޮޓްލެންޑް ޗެމްޕިއަން ސެލްޓިކް އާއި، ސްޕެއިން ޗެމްޕިއަން ބާސެލޯނާ އަދި އިޓަލީގެ އިންޓަ މިލާނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics