28 Jul 2016, 11:05
ސްޕެއިންގެ ވެލެންސިއާއަށް ކުޅެމުން އައި ޕޯޗްގީޒް މިޑްފީލްޑަރު އަންދްރޭ ގޮމޭޒް ބާސެލޯނާއާއެކު އެއްބަސްވުމުގައި ސޮއިކުރި އިރު، ބާސާގެ އާޖެންޓީނާ ޑިފެންޑަރު ހާވިއަރ މަޝަރާނޯ ވެސް އެ ކްލަބާއެކު ވަފައިވާ އެއްބަސްވުން އާކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ގޮމޭޒް، ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާސާއަށް ސޮއިކޮށްފައިވަނީ، 35 މިލިއަން ޔޫރޯއިން ފެށޭ ފީއަކަށެވެ. އަދި އެއްބަސްވުމުގެ މުއްދަތުގައި އިތުރު 20 މިލިއަން ލިބޭނޭކަމަށް ޝަރުތުކޮށްފައިވާއިރު، ބާސާގައި ހުރެ އެއްފަހަރަށް ވުރެ ގިނަފަހަރު ބެލަންޑޯ އެވޯޑް ކާމިޔާބުކޮށްފި ނަމަ އިތުރު 15 މިލިއަން ޔޫރޯ ލިބޭނޭކަމަށްވެސް ގޮމޭޒްގެ އެއްބަސްވުމުގައި ވެއެވެ.
ވާދަވެރި ރެއާލް މެޑްރިޑުން، ގޮމޭޒް ގެންދަން ވެލެންސިއާއަށް 65 މިލިއަން ޔޫރޯގެ ފީއެއް ހުށަހެޅި ނަމަވެސް އެ ހުށަހެޅުމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އެއްވެސް ކްލަބަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި މީގެ ހަފްތާއެއް ކުރީން ގޮމޭޒް ޓްރާންސްފަރގެ ކަންތައްތަކާ ގުޅޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައިވާކަން ބާސާއިން ހާމަކުރި ނަމަވެސް ވެލެންސިއާއިން އެކަން ކަށަވަރުކޮށްދިނީ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހުއެވެ.
"ބާސާއަކީ އަހަރެންނާ ވަރަށް ގުޅޭ ސްޓައިލެއްގެ ފުޓްބޯޅައެއް ކުޅޭ ކްލަބެއް،" އާ ކްލަބާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެކަމުގެ އުންމީދުގައި ހުރި ގޮމޭޒް ބުންޏެވެ.
ބާސާއިން މިހާރު ވަނީ، 2010 ވަނަ އަހަރު ލިވަޕޫލުން އެ ކްލަބާ ގުޅުނު އާޖެންޓީނާ ޑިފެންޑަރު މަޝަރާނޯގެ ކޮންޓްރެކްޓްވެސް ތިން އަހަރު ދުވަހަށް އިތުރުކޮށްފައެވެ.
އުމުރުން 32 އަހަރުގެ މަޝަރާނޯ ވަނީ، ބާސާއަށް މިހާތަނަށް 247 މެޗު ކުޅެ، އެ ކްލަބާއެކު ލަލީގާ ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ.
ގޮމޭޒްއަކީ ބާސާއިން މި ފަހަރުގެ ޓްރާންސްފަރގައި އަލަށް ގެނައި ހަތަރުވަނަ ކުޅުންތެރިޔާއެވެ.ބާސާއިން ވަނީ، ލިޔޯންއަށް ކުޅެމުން އަައި ފްރާންސް ޑިފެންޑަރު ސަމުއެލް އަމްޓިޓީއާއި، ޕީއެސްޖީއަށް ކުޅެމުން އައި ޒުވާން ޑިފެންޑަރު ލޫކަސް ޑިގްނޭއާއި ވިލަ ރެއާލަށް ކުޅެމުންއައި ސްޕެއިން މިޑްފީލްޑަރު ޑެނިސް ސުއަރޭޒާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.