ގާހިރާ (ޖުލައި 28) : ތުރުކީއަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވޭ އިދިކޮޅު ދީނީ އިލްމުވެރިޔާ ފަތްހުﷲ ގުލެންއަށް ސިޔާސީ ހިމާޔަތް ދިނުމާމެދު ވިސްނާނެ ކަމަށް މިސްރުން ބުނެފި އެވެ.

މިސްރުގެ ބޮޑުވަޒީރު ޝަރީފް އިސްމާއީލް ވިދާޅުވީ ސިޔާސީ ހިމާޔަތަށް އެދި ގުލެން އަދި މިސްރަށް ހުށަހަޅާފައިނުވާ ކަމަށާއި އޭނާ މިކަމަށް އެދިއްޖެ ހާލަތެއްގައި އެކަން ދިރާސާކުރަން މިސްރު އޮތީ ތައްޔާރަށް ކަމުގަ އެވެ. ފަތްހުﷲ ގުލެން އަކީ ދީނީ އިލްމުވެރިއެއްގެ އިތުރުން އިސްލާމް ދީނަށް ގޮވާލައްވާ ދާއިޔާއެއް ނަމަވެސް އޭނާއަކީ އެމެރިކާއާއި އިސްރާއީލާ ގުޅުންތައް ބޮޑު ބޭފުޅެކެވެ. އޭނާ ދިރިއުޅުއްވަނީ ވެސް އެމެރިކާގެ ފިލެޑެލްފިޔާގަ އެވެ.

ގުލެންއަކީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ އެންމެ ބޮޑު ރަހްމަތްތެރިޔާ އެވެ. އޭނާއަކީ އުރުދުޣާން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ (މިހާރު ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީ)ގައި ވެސް ކުރިން ގުލެންވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. ނަމަވެސް އުރުދުޣާންއާއި ގުލެންއާއި މައްސަލަޖެހި 2013 ވަނަ އަހަރުގެ ތެރޭގައި ދެބޭފުޅުން ވަނީ ވާދަވެރި ދެ ހަތުރުވެރިންނަށް ވެފަ އެވެ.

އަބްދުލްފައްތާޙް އައްސީސީ

މުއްސަނދި މަހުޖަނެއް ކަމަށްވާ ފަތްހުﷲ ގުލެންއަކީ ތުރުކީވިލާތުގައި ދިނީ ސްކޫލްތަކާއި ކުއްލިއްޔާތައް ހިންގެވުމުގެ އިތުރުން ބޭންކާއި ސިއްޙީ މަރުކަޒުތަކާއި މިސްކިތްތަކާ އަދި އާންމުންނަށް އިންސާނީ ހިލޭ އެހީތައް ފޯރުކޮށްދޭ އެތައް މަރުކަޒެއް ހިންގަވަމުން ގެންދަވާ ބާރާއި ނުފޫޒުގަދަ ޝަޚްސިއްޔަތެކެވެ. ނާކާމިޔާބު އިންގިލާބާ ގުޅިގެން ތުރުކީ ސަރުކާރުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގުލެންއަށް ތާއީދުކުރާ މީހުންނާއި އޭނާގެ ދީނީ ސްކޫލްތަކާއި ކުއްލިއްޔާތަކާ އަދި އޭނާ ހިންގަވާ އެހެނިހެން މުއައްސަސާތަކުގެ މުވައްޒަފުން ގިނަ އަދަދަކަށް ހިމެނެ އެވެ.

ތުރުކީ ސަރުކާރުން ވަނީ އިންގިލާބު ނާކާމިޔާބު ވުމަށް ފަހު ބައިލައްކަ އެއްހާމީހުން ހައްޔަރުކޮށްފަ އެވެ. މީގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް ނިސްބަތްވާ 15،000 ހާސް މީހުން ވެސް ހިމެނެ އެވެ. މީގެތެރޭގައި ވެސް ގިނައީ ގުލެންއަށް ތާއީދުކުރާ މީހުންނެވެ. އިންގިލާބަށް ފަހު ތުރުކީ ސަރުކާރުން ވަނީ ގުލެން އެގައުމާ ހަވާލުކުރުމަށް އެމެރިކާގެ ކިބައިން އެދިފަ އެވެ. ނަމަވެސް މިމައްސަލާގައި އެމެރިކާ އަދި ގޮތެއް ނުނިންމަ އެވެ. ގުލެން ތުރުކީ ސަރުކާރާ ހަވާލުނުކޮށްފި ނަމަ އެމެރިކާއާއި ތުރުކީގެ ގުޅުންތައް ގޯސްވާނެ ކަމުގެ އިންޒާރު ވެސް ތުރުކީގެ މަސްއޫލުވެރިންވަނީ ދެއްވާފައިފަ އެވެ.

ގުލެންއަށް ސިޔާސީ ހިމާޔަތް ދިނުމާ މެދު ވިސްނާނެ ކަމަށް މިސްރުން ބުނުމުގެ ފަހަތުގައި ވަނީ މިސްރާއި ތުރުކީގެ ހަތުވެރިކަމެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސިސީ އެގައުމަށް އަސްކަރީ އިންގިލާބެއް ގެންނަވައި ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމުން ތުރުކީއާއި މިސްރުގެ ވެރިކަން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ރަޖަބް ތައްޔިބު އުރުދުޣާން

ދެގައުމުގެ ގުޅުންތައް ގޯސްވީ މިސްރުގައި ކުރިން ވެރިކަންކުރި ޑރ. މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ބައެއް އިސްވެރިންނަށް ތުރުކީން ހިމާޔަގް ދިނުމާއި މިސްރުގެ ރައީސް ސީސީ އަކީ އަސްކަރީ އިންގިލާބު ކާމިޔާބު ކުރުމަށް ޓަކައި މިސްރުގެ ތިން ހާހެއްހާ އާންމުން މަރާލި ގާތިލެއްކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ސިފަކުރެއްވުމާ ގުޅިގެންނެވެ.

މިސްރުގެ ރަސްމީ މީޑިޔާއިން ވަނީ އުރުދުޣާންގެ ވެރިކަމާ ދެކޮޅަށް ގެންނަން މަސައްކަތްކުރި ނާކާމިޔާބު އިންގިލާބަކީ ރައްޔިތުންނާއި ސިފައިންގެ އުތުރި އެރުމެއްކަމަށް ސިފަކޮށް އިންގިލާބު ކާމިޔާބު ކުރިކަމުގެ ޚަބަރުތަކެއްވެސް އިންގިލާބުގެ ވަގުތުގައި ފަތުރާފައެވެ. ނަމަވެސް އިންގިލާބު ނާކާމިޔާބުވުމުން މިސްރުގެ ރަސްމީ މީޑިޔާ ފަހުންވަނީ ވަރަށް ބޮޑަށް ބޭޒާރު ވެފައެވެ.

މީގެއިތުރުން ތުރުކީގެ ނާކާމިޔާބު އިންގިލާބު ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރެން އުޅުނު ބަޔާނަށްވެސް މިސްރުންވަނީ ހުރަސްއަޅާފައެވެ. މިސްރަކީ ސަލާމަތީ މަޖިލީހުގެ މެންބަރެއްކަމުން މިސްރުގެ ރުހުމާނުލައި މިބަޔާން ފާސް ނުކުރެވޭތީ ތުރުކީގެ ނާކާމިޔާބު އިންގިލާބު ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ނެރެން އުޅުނު ބަޔާންވަނީ ނެރެވޭގޮތް ނުވެފައެވެ.

މިފަދަ ބަޔާންތަކަކީ ސަލާމަތީ މަޖިލީހުގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ނޫނީ ނުނެރެވޭ ބަޔާންތަކެކެވެ. (ނޫސްއެޖެންސީތައް)