ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ސާފު ފައިދާ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ދެ ވަނަ ކުއާޓަރުގައި ބޮޑުތަން ދަށަށް ޖެހިއްޖެ އެވެ.

އެސްޓީއޯ އިން އާންމުކޮށްފައިވާ މި އަހަރުގެ ދެ ވަނަ ކުއާޓާ ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 134.3 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ އިރު، މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި ލިބުނީ 81.4 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ލިބުނު އާމްދަނީ އަކީ 1.6 ބިލިއަން ރުފިޔާ އެވެ.

ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 112 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް ލިބިފައި ވަނީ 79.9 މިލިއަން ރުފިޔާ އެވެ. އެއީ ގާތްގަނޑަކަށް 28 ޕަސެންޓް ދަށް އަދަދެކެވެ.

ކުއާޓާ ރިޕޯޓް ދަށްކާ ގޮތުން ސާފު ފައިދާ ދެ ވަނަ ކުއާޓަރުގައި ދަށަށް ދިޔައީ ބައެއް އިދާރީ ހަރަދުތައް މިދިޔަ މަހު މައްޗަށް ދިޔުމާއި ފައިނޭންސް ކޯސްޓްތައް ބޮޑުވުމުގެ ސަބަބުންނެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި ކުއާޓަރުގައި އެ ކުންފުނިން 1.3 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮށްފައި ވަނީ 1.2 ބިލިއަން ރުފިޔާގެ ވިޔަފާރި އެވެ.

އެސްޓީއޯގެ ސާފު ފައިދާ ދަށަށް ޖެހިފައިވީ ނަމަވެސް އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ވިޔަފާރިތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ރާއްޖޭގެ ކޮންމެ ރަށެއްގައި އެ ކުންފުނީގެ ބޭސް ފިހާރައެއް ހުޅުވާފައިވާކަން ފާހަގަކޮށްލެވެ އެވެ.