28 Jul 2016, 10:37
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ނިސްބަތްވާ ފަސް މެމްބަރެއްގެ ސުލޫކީ މައްސަލަ ބެލުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ހޯދަން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އެ ޕާޓީގެ ސުލޫކީ ކޮމެޓީގައި އެދިއްޖެ އެވެ.
އަލީމް ސޮއިކުރައްވައި އެ ޕާޓީގެ ސުލޫކީ ކޮމެޓީ އަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ޕާލާމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ ސުލޫކީ އެއް މައްސަލަ މިމަހުގެ ފަސް ވަނަ ދުވަހު އެ ކޮމެޓީއަށް ވަނީ ހުށަހަޅާފައި ކަމަށެވެ. އަދި މިމަހުގެ 11 ވަނަ ދުވަހު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ އިތުރުން އަބްދުއްރަހީމްގެ އިތުރު ސުލޫކީ މައްސަލައެއް އެ ކޮމެޓީއަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ސިޓީގައި އަލީމް ވަނީ ވިދާޅުވެފައެވެ.
ޕާޓީގެ އޮފީހަށް ސުލޫކީ މައްސަލަ ހުށަހެޅޭތާ 24 ގަޑިއިރުގެ ތެރޭގައި އެކަން ސުލޫކީ ކޮމެޓީގެ މުގައްރިރަށް އަންގަންޖެހޭނެ ކަމަށް އެޕާޓީގެ ސުލޫކީ މައްސަލަތައް ބެލުމާ ބެހޭ ގަވާއިދުގެ 14 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާތީ އެ ހަ މެމްބަރުންގެ މައްސަލަ ހުށަހެޅި ފޯމް ސުލޫކީ ކޮމެޓީއަށް މިމަހުގެ 12 ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށް ވެސް އެ ސިޓީގައި އަލީމް ވަނީ ވިދާޅުވެފައެވެ.
ސުލޫކީ މައްސަލައެއް ހުށަހެޅޭތާ ގިނަވެގެން ހަފްތާއެއްގެ ތެރޭގައި ކޮމެޓީން އެ މައްސަލައެއްގައި ގޮތެއް ނިންމަންޖެހޭނެ ކަމަށް ސުލޫކީ ފިޔަވަޅު އެޅުމުގެ ގަވާއިދުގައި ބުނެފައިވާކަމަށް ވެސް އަލީމްގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.