28 Jul 2016, 02:02
ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އަންނަ މަހު ބާއްވާ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ރޭއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު ޒުވާން ފެތުންތެރިޔާ އައިމިނަތު ސަޖަން އަށް ލިބިއްޖެއެވެ.
ރިއޯއަށް ފުރުމުގެ ކުރިން ސަޖަން އަށް ދިވެހި ގައުމީ ދިދަ ހަވާލުކޮށްދެއްވީ މިރޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
ދިދައާ ހަވާލުވުމަށްފަހު ވާހަކަ ދައްކަމުން އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓެގައި ބައިވެރިވާ ސަޖަން ބުނީ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް ކަމަށާއި ނަމަވެސް އެންމެ ބޮޑު ޝަރަފެއް ލިބެނީ އަމިއްލަ ގައުމުގެ ދިދަ އުފުލާލުމުގެ ނަސީބު ލިބުމުން ކަމަށެވެ.
އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ރާއްޖޭގެ ދިދަ އުފުލާލާ ސަޖަން އަށް މިނިސްޓަރ އިރުތިޝާމް ދިދަ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
"އަޅުގަނޑުގެ ވަރަށް ބޮޑު ޑްރީމް އެއް އެއީ އޮލިމްޕިކްގައި ވާދަ ކުރުމަކީ. އަދި ވަރަށް ކުރީން ފެށިގެން ދެކެމުން އައި ހުވަފެނެއް އެއީ މި މުބާރާތުގެ އޯޕަނިންގ ސެރަމަނީގައި ދިދަ އުފުލާލުމަކީ،" ސަޖަން ބުންޏެވެ.
ރާއްޖޭގެ ދިދައުފުލުމަށް ސަޖަންއަށް ފުރުޞަތުދިނުމަށް ނިންމާފައި ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީންނެވެ. ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޝަޖަން ވަނީ އިންޑީވިޖުއަލް އިވެންޓްތަކުން 12 ޤައުމީ ރެކޯޑްއާކޮށް، ތިން ޓީމު އިވެންޓްގައި ޤައުމީ ރެކޯޑް އާކުރުމަށް އެހީތެރިވެދީފަ އެވެ. އަދި ސަޖަން ވަނީ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް އިވެންޓުން ރާއްޖެއަށް ރަންވަންލޯ މެޑަލް ހޯދައިދީފަ އެވެ. ސަޖަން ވަނީ ތައިލެންޑްގައި ބޭއްވި ސްޕީޑޯ ތައިލެންޑް އޭޖްގްރޫޕް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ތަމްޞީލްކޮށް، 200 މީޓަރު އިންޑިވިޖްއަލް މިޑްލޭ އިވެންޓުން ރަންވަންލޯ މެޑަލް ހޯދައިފައެވެ.
އަންނަ މަހު ފަހަން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖެ އަށް ފުރުސަތު ލިބިފައި ވަނީ އެތުލެޓިކްސް އާއި ސްވިމިންއިންނެވެ. ސަޖަންގެ އިތުރުން ސްވިމިންގައި ދެން ބައިވެރި ވަނީ ނިޝްވާން އިބްރާހިމެވެ. އެތުލެޓިކްސް އިން 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ބައިވެރިވާއިރު 200 މީޓަރު ދުވުމުގައި ބައިވެރި ވާނީ އަފާ އިސްމާއިލް އެވެ.