28 Jul 2016, 01:13
ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އަންނަ މަހު ބާއްވާ އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ހަތަރު އެތިލީޓުން މިރޭ ފުރައިފި އެވެ.
އެތުލީޓުންނަށް އަލްވަދާއު ދެންނެވުމަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ހުރިހާ އެތުލީޓުން ވެސް މަސަތްކަތް ކުރަން ވާނީ ރާއްޖެއަށް ރީތި ނަން ހޯދައިދީ ކާމިޔާބީއަށް ވާސިލްވުމަށް ކަމަށެވެ.
"ރިއޯ އަށް ވަޑައިގަންނަވާ އިރު ހުރިހާ ބޭފުޅުން ވެސް މަސަތްކަތް ކުރަންވާނީ ރަނގަޅު ވަނަތަކެއް ހޯދައިދީ ރާއްޖެ އަށް ރަން މެޑަލް ގެނައުމަށް،" އިރުތިޝާމް ވިދާޅުވި އެވެ.
އަންނަ މަހު ފަހަކުން 21 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގޭމްސްގައި ރާއްޖެއަށް ފުރުސަތު ލިބިފައި ވަނީ އެތުލެޓިކްސް އާއި ސްވިމިން އެވެ. އެތުލެޓިކްސް އިން 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެއް ވަނަ ދުވުންތެރިޔާ ހަސަން ސާއިދު ބައިވެރިވާއިރު 200 މީޓަރު ދުވުމުގައި ބައިވެރި ވާނީ އަފާ އިސްމާއިލެވެ. އެ ދެ އެތުލީޓުންގެ ކޯޗަކީ އަހަމަދު ފާއިލެވެ.
ގޭމްސްގެ ސްވުމިން ފަރާތުން ވެސް ދެ ފެތުންތެރިން ބައިވެރިވާއިރު ނިޝްވާން ފެތުމަށް ހަމަޖެހިފައި ވަނީ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓެވެ. އަދި ސަޖަން ފެތުމަށް ހަމެޖެހިފައި ވަނީ އަންހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓެވެ. ދެ ފެތުންތެރިންގެ ކޯޗަކީ އިސްމާއިލް ފަރުހާނެވެ.