28 Jul 2016, 01:37
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ފުޅަނދުބުރަކީ އާންމުންގެ ޝައުގުވެރިކަން ބޮޑު ހަރަކާތެކެވެ. މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ފުޅަނދު ބުރުތައް ފުރިހަމަވެފައި ރީއްޗެވެ. މާލޭގެ މަގުތަކަށް މިރޭ ނުކުތް 14 ފުޅަނދުގެ ތެރެއިން ޝައުގުވެރިކަން ބޮޑުވި އުޅަނދަކަށް ވެގެންދިޔައީ ސްޓާ ވޯސް ރޯގް ވަންގެ މަޝްހޫރު ކެރެކްޓާސްތައް މާލޭގެ މަގުތަކުން ފެނިގެން ދިއުމުންނެވެ.
މާފަންނު ރަސްފަންނު ސަރަހައްދުން މަޖިދީމަގުން އެންމެ ފުރަތަމަ ފުޅަނދުބުރު ފެށުމާއެކު ވެސް ސްޓާ ވޯސް ރޯގް ވަން ފިލްމުގެ ރާއްޖޭގައި ކުޅުނު އެޕިސޯޑު ޓްރެއިލާއިން ފެނިގެންދިޔަ ކެރެކްޓާސްތައް ވަނީ މަގުތަކަށް ނުކުމެފަ އެވެ. ސްޓެލްކޯއިން ތައްޔާރުކޮށްފައިވާ އެ ފުޅަނދަށް އާންމުންގެ ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. ފުޅަނދު ތައްޔާރުކޮށްފައި ވަނީ ލޭޒަ ލައިޓް، ލެޑް ލައިޓް ވެސް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެ އެވެ. އެ ފުޅަނދުގައި މަޝްހޫރު ތަރި ފެލިސިޓީ ޖޯން އާއި ޑިއެގޯ ލޫނާގެ އިތުރުން ރިޒް އަހުމަދުގެ ކެރެކްޓާ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ކޮންމެ ފަހަރަކުވެސް އެންމެ ތަފާތު ފުޅަނދެއް ހުށަހަޅައި ދޭ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިފަހަރު މަގުތަކަށް ގެނެސްދީފައި ވަނީ ކުޑަކުދިންގެ އެންމެ ފެވަރިޓް ޑިސްނީ ލޭންޑްގެ ކާޓޫން ކެރެކްޓާސްތަކެވެ. އެމްއޭސީއެލުން ޖުމްލަ އަށް ފުޅަނދެއް ތައްޔާރުކޮށްފައިވާއިރު އޭގެތެރޭގައި މަޝްހޫރު ޓިންކަ ބެލްގައި ހަރަކާތްތެރިވާ މައި ކެރެކްޓަ ޓިންކަ ބެލް އާއި ސިލްވާ މިސްޓް، ވިޑިއާ، ވެންޑީ ޑާލިންގެ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
އެމްއޭ ސީއެލްގެ ފުޅަނދުތަކަށް ވަނީ ކުޑަކުދިންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އޭގެތެރެއިން ކުދިންގެ އެން ތަރުހީބު ލިބުން ކެރެކްޓާސްތަކުގެ ތެރޭގައި މިކީ މައުސް، މިނީ މައުސް، ސިންދްރެއްލާ ހިމެނެ އެވެ. އޭގެ އިތުރުން ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކާސަލްތަކެއް ވެސް ވަނީ އެމްއޭސީއެލްގެ ފުޅަނދުން ފެނިގެން ގޮސްފަ އެވެ.
ދިރާގުން "ދި މަޑި" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ފުޅަނދަކީ ރާއްޖޭގެ ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރު ދައްކުވައި ދިނުމަށް ތައްޔާރުކޮށްފައިވާ ތަފާތު ފުޅަނދެކެވެ.

މީގެ އިތުރުން ދެން ފުޅަނޑު ބުރުގައި ފުޅަނދު ބައިވެރިކޮށްފައި ވަނީ އެސްޓީއޯއިންނެވެ. އެސްޓީއޯގެ ފުޅަނދުން ދައްކުވައިދެނީ އެލައިން އިން ވޮންޑަލޭންޑް ޓީޕާޓީގެ ކެރެކްޓާސްތަކެވެ. އެގޮތުން އެ ކާޓޫނުގައި ހަރަކާތްތެރިވާ އެލައިސް އާއި ވައިޓް ރެބިޓް އާއި ވައިޓް ރެބިޓާއި، ކެޓަޕިލާވެސް ފެނިގެންދިޔަ އެވެ.
މުލިއާގެ ސަރަހައްދުން ރައީސް އަބްދު ﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަދި ދައުލަތުގެ ވަޒީރުންނާއި އެބޭފުޅުންގެ ދަރިކަލުންނާއި ދަރިކަނބަލުން ވަނީ ފުޅަނދުތައް ބައްލަވާލައްވާފަ އެވެ.
ފުޅަނދުބުރު ދަތުރުކޮށްފައި ވަނީ މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން އުތުރަށް ގޮސް މެދުޒިޔާރަތް މަގުން ހުޅަނގަށް ގޮސް ޝަހީދު އާދަމް ނަސީރު ހިނގުމުން ދެކުނަށެވެ. އަދި އެއަށްފަހު ޖުމްހޫރީ ހިނގުމުން އުތުރަށް ގޮސް ބޮޑުތަކުރުފާނު މަގަށް އަޅައިގެން އިރަށް ގޮސް ހެންވޭރު ކުރީގެ ސޯމިލް ކައިރިން އަޅައިގެން ބޮޑުތަކުރުފާނުމަގުން ދެކުނަށެވެ.
ބޮޑުތަކުރުފާނުމަގުން ދެކުނަށް ގޮސް ޓަސްކަލޫސާ ކައިރިން އަޅައިގެން ގޮސް މޫންލައިޓްހިނގުމުން ދެކުނަށް ގޮސް ދަރުބާރުގޭގެ އިރުން އޮންނަ ގޯޅިން ގޮސް ބޮޑުތަކުރުފާނު މަގަށް އަޅައިގެން މާފަންނު ޓްރެކް ސަރަހައްދަށް ވަނީ ފުޅަނދުބުރު ނިންމާލާފަ އެވެ.
ބެލެވޭގޮތުން ފުޅަނދުތައް ދައްކާލުމަށް އަދި އެއް ރޭ ފުޅަނދު ބުރު ބާއްވާނެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.