ކެންސްރަަށް މީހުން އަހުލުވެރި ކުރުވުމާއި ކެންސަރު ޖެހިފައިވާ މީހުން ދެނެގަތުމަށް ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ރ. މަޑުއްވަރީގައި ކެންސަރަށް ސްކްރީން ކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ އެ ޕްރޮގްރާމުގައި ސްކްރީންކޮށްފައި ވަނީ އަނގައަށް ޖެހޭ ކެންސަރަށާއި އުރަމައްޗަށް ޖެހޭ ކެންސަރަށެވެ. ކެންސަރު ސޮސައިޓީގެ އެކްޒެކެޓިވް ކޮމިޓީގެ މެމްބަރު އައިމިނަތު ރިންޒީ 'ސަން' އަށް ވިދާޅުވީ އެ ޕްރޮގްރާމުގައި ދަށުން މަޑުއްވަރީން 59 މީހަކު ސްކްރީން ކޮށްފައިވާ ކަމަށެވެ.

ސްކްރީން ކުރި މީހުންގެ ތެރެއިން އިތުރަށް ފޮލޯއަޕް ހަދަން ޖެހޭ ފަރާތްތަކަށް މައުލޫމާތު ދީ ކަން ކުރަންވީ ގޮތް ކިޔައިދީފައިވާނެ ކަމަށް ރިންޒީ ވިދާޅުވި އެވެ. ކެންސަރު ސްކްރީނިން ޕްރޮގްރާމުގައި އޭޑީކޭގެ އޮންކޮލޮޖިސްޓުންނާއި، ރޭޑިއޮލޮޖިސްޓުންގެ އިތުރުން ޑައިޓިޝަނުން ކެންސަރު ސޮސައިޓީއާ އެކު ބައިވެރިވެ އެހީތެރިވެދީފައިވާ ކަން ރިންޒީ ވަނީ ފާހަގަކޮށްފަ އެވެ.

"މަޑުއްވަރީގައި އުރަމަތީގެ ކެންސަރާއި އަނގަޔަށް ޖެހޭ ކެންސަރާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް އަޅުގަނޑުމެން ވާނީ ކުރިއަށް ގެންގޮސްފައި. މަޑުއްވަރީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އަޅުގަނޑު ޝުކުރު އަދާކުރަން" ރިންޒީ ވިދާޅުވި އެވެ.

މަޑުއްވަރީގެ އިތުރުން މާދަމާ އަދި އަނެއް ދުވަހު ކެންސަރަށް ސްކްރީން ކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެއަތޮޅު އުނގޫފާރުގައި ވެސް ކުރިއަށް ދާނެ ކަމަށް ރިންޒީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ޕްރޮގްރާމަކީ ރ އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އުނގޫފާރުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކެންސަރާ ބެހޭ ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދިނުމަށް ނިންމާފައިވާ ކަމަށް ރިންޒީ ވަނީ ވިދާޅުވެފަ އެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް އުރަމަތީގެ ކެންސަރަށް ސްކްރީނިން ޕްރޮގްރާމެއް ވޭތުވެ ދިޔަ ހަފްތާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ކެންސަރުގެ ހާލަތު ދެނެގަތުމަށް ކެންސަރާ ބެހޭ ގައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކެންސަރު ސޮސައިޓީން އަންނަނީ ކުރަމުންނެވެ.