ސްޓާފް ކުއާޓާއަކާއި ބޭސްފަރުވާއަށް އަންނަ މީހުންނަށް ހާއްސަކޮށް ކޮޓަރިތަކެއް ހިމެނޭ ގޮތަށް 10 ބުރީގެ އިމާރާތެއް އެޅުމަށް އޭޑީކޭ އިން އޭބީސީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.

އޭޑީކޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭބީސީ ކޮންސްޓްރަކްޝަނާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިއަދު ބޭއްވި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވީ، ސްޓާފް އެކޮމޮޑޭޝަންގެ ގޮތުގައި އެ އިމާރާތުގައި 35 ފްލެޓް ހިމެނޭނެ ކަމަށާއި، އެ ފްލެޓްތަކަކީ، އޭޑީކޭގެ ޑޮކްޓަރުންނާ އެ ފަންތީގެ މުވައްޒަފުންނަށް ހާއްސަ ފްލެޓްތަކެއް ކަމަށެވެ.

އަތޮޅު ތެރެއިން ބޭސްފަރުވާއަށް މާލެ އަންނަ ބަލިމީީހުންނާއި އެ މީހުންގެ އެހީތެރިންނަށް ހާއްސަކޮށް 24 ކޮޓަރި ހިމެނޭ އެޕާޓްމެންޓެއް ވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ. އެ ކޮޓަރި ތަކަކީ ސިންގަލް ކޮޓަރިތަކެއް ކަމަށާއި ކައްކާ، އެއްޗެހި ދޮވެވޭނެ ނިޒާމު ވެސް ގާއިމްކޮށްފައި ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަފްއާލް ވިދާޅުވީ އެ ކޮޓަރި ތަކަކީ، ހޮސްޕިޓަލްގަ އެކި ރަށްރަށުން އައިސް މީހުން އެޑްމިޓް ކުރުމަށްފަހު އެމީހުން ބަލަހައްޓަން ތިބޭ މީހުން މާލޭގަ ދިރިއުޅުމުގައި ތަކުލީފުތަކެއް އުފުލަމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ހަދާ ކޮޓަރިތަކެއް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ 10 ބުރީގެ އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ ކޮޓަރިތަކަކީ، މާލެއިން މިހާރު ކުއްޔަށް ދޭ ކޮޓަރިތައް ލިބޭ އަގަށްވުރެ ހެޔޮކޮށް ލިބޭނެ ކޮޓަރި ތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.