ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދުނިޔޭގެ އެންމެ މޮޅެތި ޓެނިސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސްވިޒަލޭންޑްގެ ރޯޖާސް ފެޑްރާއަށް ނުނިމި އޮތް ސީޒަނާއި އޮތް އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ނުކުޅެވޭނެ ކަން ކަށަވަރު ވެއްޖެއެވެ.

ދުނިޔޭގެ ތިން ވަނައަށް ރޭންކް ކުރެވިފައިވާ އުމުރުން 34 އަހަރުގެ ފެޑްރާގެ ވާއަތު ކަކުލު ހުޅަށް އަނިޔާވެފައިވާ އިރު އޭނާ ބުނީ ކެރިއަރުގައި އިތުރަށް ކުރިއަށް ދާން ބޭނުން ނަމަ ގިނަ ދުވަސްތަކެއް ރިހެބިލިޓޭޝަންގައި ހޭދަކުރަން ޖެހޭ ކަމަށާއި ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ވަރަށް ފަރުވާތެރި ކަމާއެކު ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.

މިމަހު ކުރީ ކޮޅުގައި އޮތް ޓެނިސް މުބާރާތެއްގައި ފެޑްރާގެ ކަކުލަށް އަނިޔާވެގެން ފަރުވާ ހޯދަނީ --- ފޮޓޯ: އޭޕީ

"ވަރަށް މާޔޫސްވެފަ މިހުންނަނީ ކުރިއަށް އޮތް އޮލިމްޕިކްގައި ސްވިޒަލޭންޑް ތަމްސީލް ނުކުރެވޭނެތީވެ. އަހަރެންގެ މިހާރުގެ ހުރިހާ ވިސްނުމެއް ހުރީ މި އަނިޔާ އިން ވީ އެންމެ އަވަހަކަށް ސަލާމަތްވެ ކުޅެން ނުކުތުން،" 17 ފަހަރު ގްރޭންޑް ސްލޭމް މުބާރާތު ކާމިޔާބު ކޮށްފައިވާ ފެޑްރާ އޭނާގެ ފޭސްބުކް ޕޭޖްގައި ބުނެފައިވެއެވެ.

ފެޑްރާ ވަނީ 2008 ވަނަ އަހަރު ބޭޖިންގަ ބޭއްވި އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޑަބަލްސަ ބައިން ރަން މެޑަލް ހޯދާފަ އެވެ. ނަމަވެސް ފެޑްރާ އަށް ވަނީ އަދި އޮލިމްޕިކްގައި ސިންގަލް އިވެންޓަކުން ރަން މެޑަލް ހޯދުމަށް ނުކުޅެދިފައެވެ.