ވޮޝިންގޓަން : ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން އެއްކޮށް އިސްރާއީލު ނުފައިބާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ފަލަސްތީނަށާއި މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮންޖައްސަވައިފިއެވެ.
އެމެރިކާގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ނަތަނިޔާހޫ ވިދާޅުވީ 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ފަލަސްތީނުގެ ބިންތައް އެއްކޮށް ދޫނުކުރާނެ ކަމަށާއި އެހަނގުރާމައިގެ ކުރިން އިސްރާއީލުގެ ސަރަޙައްދީ ރޮނގު އޮތްހިސާބަށް އިސްރާއީލު ދުވަހަކުވެސް ފަހަތަށް ނުޖެހޭނެ ކަމުގައެވެ.

އަދި ހިފާފައިވާ ޤުދްސުގެ އެއްވެސް ބައަކުން އިސްރާއީލު ނުފައިބާނެ ކަމަށާއި ޤުދްސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ވިދާޅުވެ ޤުދްސު ބައިނުކުރެވޭނެ ކަމަށްވެސް ނަތަނިޔާހޫ ވިދާޅުވިއެވެ. އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ގޮތުގައި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުން ޤަބޫލުކުރަނީ 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ބިންތަކަށެވެ.

ޤުދްސުގެ އިރުމަތީ ފަޅިއަކީ 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ބައެކެވެ. ޤުދްސުގެ އިރުމަތީ ބަޔަކީ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ ބިމެކެވެ. ހިފާފައިވާ ބިންތަކުން ފޭބުމަށް އިސްރާއީލަށް ގޮވާލާ އދ.ގެ 242 ޤަރާރާއި 333 ޤަރާރު ގޮވާލަނީ 1967 ގެ ހަނގުރާމައިގާ ހިފި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން އެހަނގުރާމައިގާ އިސްރާއީލުން ހިފި ޢަރަބި އެހެން ބިއްތައް ކަމަށްވާ ސޫރިޔާގެ ގޯލާންގެ ބިންތަކުންނާއި އުރުދުންގެ ބިންތަކުންނާއި މިސްރުގެ ސައިނާގެ ބިންތަކުން ފޭބުމަށެވެ.

މީގެތެރެއިން އިސްރާއީލު ފާބައިފާވަނީ މިސްރުގެ ސައިނާގެ ބިންތަކުންނާއި އުރުދުންގެ ބައެއް ބިންތަކުންނެވެ. އެހަނގުރާމައިގާ ހިފި ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން ސޫރިޔާގެ ގޯލާންގެ ބިންތަކުން އެއްކޮށް ނުފައިބާނެ ކަމަށް ތަކުރާރުކޮށް އިސްރާއީލު ބުނަމުން ގެންދެއެވެ.

އެބިންތަކުން ނުފައިބައިވާނެ ގޮތްކެއް ހެދުމަށްޓަކައި އިސްރާއީލުވަނީ ވޭތުވެދިޔަ ސާޅީހަކަށް އަހަރުތެރޭގައި ހުޅަނގު އައްސޭރިއާއި ގޯލާންގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު ބިނާކޮށް ދުނިޔޭގެ އެކިކަންކޮޅުތަކުން ޔަހޫދީން ގެނަސް އެތަންތަނުގައި ވަޒަންވެރިކުރުވާފައެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޤަރާރުތަކާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޣައިރު ޤާނޫނީ ޢަމަލެއް ކަމަށްވިޔަސް މިޢަމަލުތައް ހުއްޓުވުމުގައި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢުވަނީ ނާކާމިޔާބުވެފައެވެ.

މިހާތަނަށް އައިއިރު ހުޅަނގު އައްސޭރީގައި އިސްރާއީލުން ބިނާކުރި އެތަށް އަވަށެއްގައި އެތަށްލައްކަ ޔަހޫދީންނެއް ވަނީ ވަޒަންވެރިކޮށްފައެވެ. މިގޮތަށް އެންމެ ގިނަ ޔަހޫދީން ވަޒަންވެރިކޮށްފައިވަނީ ޤުދްސުގެ އިރުމަތީ ފަޅީގައެވެ އަދި ގޯލާންގެ ބިންތަކުގައިވެސް މިގޮތަށް ޔަހޫދީ އަވަށްތަކެއް ބިނާކޮށް ބައިލައްކައެއްހާ ޔަހޫދީން ވަނީ އެބިމުގައިވެސް އިސްރާއީލުންވަނީ ވަޒަންވެރިކުރުވާފައެވެ.

އެމެރިކާގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު އިއްޔެ ވިދާޅުވީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ވޭތުވެދިޔަ 40 އަހަރު ތެރޭގައި ބޮޑެތި ބަދަލުތަކެއް (ޑިމިގްރަފިކް ބަދަލުތަކެއް) އައިސްފައިވާ ކަމަށާއި އެބިންތަކުން ފޭބޭނީ އެބަދަލުތަކަށް ރިޢާޔަތްކުރުމަށްފަހު އޭގެ ތެރެއިން ބައެއް ބިންތަކުން ކަމުގައެވެ. ފަލަސްތީނުގެ ޒާތީ އިދާރާއިންނާއި މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ޖަމާޢަތްތަކުންވަނީ ނަތަނިޔާހޫގެ ވާހަކަތަކަކީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ކަމަށް ސިފަކޮށް ހިފާފައިވާ ބިންތަކުން ފޭބުމަށް އިސްރާއީލަށް ފިއްތުންތައް ކުރިމަތި ކުރުމަށް އދ. އަށާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލާފައެވެ.

އަދި 1967 ގައި އިސްރާއީލުހިފި ފަލަސްތީނުގެ ހުރިހާ ބިންތަކަކުން ފައިބާގޮތަށް ނޫނީ އިސްރާއީލާއެކު ސުލްހައިގެ ވާހަކަތައް ނުދައްކާނެ ކަމަށާއި އެގޮތަށް މެނުވީ އިސްރާއީލާއެކު ސުލްޙައިގެ އެއްބަސްވުމެއްގައި ދުަހަކުވެސް ސޮއިނުކުރާނެ ކަމަށް ފަލަސްތީނުގެ ސަރުކާރުގެ ތަރްޖަމާން ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް މިހަފްތާގެ ކުރީކޮޅު ދެއްވި ޚތާބެއްގައި، 1967 ގެ ހަނގުރާމައިގާ ހިފި ފަލަސްތީނުގެ ހުރިހާ ބިންތަކަކުން އިސްރާއީލު ފައިބަންޖެހޭނެ ކަމަށް ވިދާޅުވވެ ވާހަކަ ދެއްކެވުމުން އިސްރާއީލުންވަނީ އެކަން ޤަބޫލުނުކޮށް އޮބާމާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި އޮބާމާ މިގޮތަށް ވިދާޅުވެފައިވާތީ އެމެރިކާގެ ހަރުކަށި އަދި ނުފޫޒުގަދަ ޒަޔަނިސްޓް ލޮބީ ޖަމާޢަތްތަކުންވަނީ އޮބާމައަށް ދެމުން އައި ތާއީދު ހުއްޓާލަންޖެހިދާނެ ކަމުގެ އިންޒާރު އޮބާމާއަށް ދީފައެވެ. (އަލްޖަޒީރާ)