14:30


ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލާ ބެހޭ ގޮތުން ގޮތެއް ނިންމަން އެނގިވަޑައިގަންނަވާނީ، އެ ބިލު އޮތީ ކިހިނެއްތޯ ބެއްލެވުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ކޮންމެ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ނިންމެވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ނިންމަވާ ގޮތަކަށް ކަން ކުރެއްވުމަށް ހުންނެވީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށް، ހުސްވި މަހުގެ 23 ވަނަ ދުވަހުގެ ރޭޑިއޯ ހިތާބުގައި ވިދާޅުވި ނަމަވެސް ޗައިނާއަށާއި ބޫޓާނަށް ކުރެއްވި ދަތުރުފުޅަށްފަހު ރޭ ރާއްޖެ ވަޑައިގެން ނޫސްވެރިން ކުރި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ކުރުމުގެ ބޭނުމަކީ، ސީދާ ރަނގަޅު ގޮތުގައި އަތޮޅުތަކަށް ބާރު ފޯރުކޮށްދިނުން ކަމަށެވެ. އަދި އަތޮޅުތަކުގެ ރައްޔިތުންނަށް އެ ރައްޔިތުންގެ ކަންތައްތައް އަމިއްލައަށް ނިންމޭނެ ގޮތްތަކެއް ހޯދުން ކަމަށާއި، އެކަންކަން އެހެން ފަހިވާނެ ގާނޫނެއް އައުމަކީ ލާމަރުކަޒީގެ އެންމެ ބޮޑު ބޭނުން ކަމަށް ވެސް ރައީސް ވިދާޅުވި. އަދި ލާމަރުކަޒީ ބިލު ފާސްވެފައި އޮތް ގޮތް ރައްޔިތުންގެ މަޖިލީހުން އަދި ސަރުކާރަށް ފޮނުއްވާފައިނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ފަހަކަށް އައިސް ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ނަޝީދުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވުމާއި، ނާއިބު ރައީސްގެ އިސްތިއުފާ އަށާއި ވަޒީރުންގެ މަޖިލިސް ބަދަލު ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގޮވާލާފައިވުމާ ގުޅިގެން ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ ރިޕޯޓަރަކު ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ދަތިވެވަޑައިގަންނަވާ އެއްވެސް ކަމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.


މި ދަތުރުފުޅުގައި ޗައިނާއިން ލިބިފައިވާ އެހީތަކަށް ބައްލަވާލައި ރައީސް ވިދާޅުވީ، ދިހަ މިލިޔަން ޑޮލަރާ ގާތްކުރާ ވަރުގެ ހިލޭ އެހީއެއް ޗައިނާއިން ރާއްޖެއަށް ދީފައިވާ ކަމަށެވެ. އަދި ވަރަށް ލުއި ގޮތެއްގައި 200 މިލިޔަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ ޗައިނާގެ ކަމާބެހޭ ފަރާތްތަކާއެކު ބޭއްވެވި މަޝްވަރާތަކާބެހޭ މައުލޫމާތު ދެއްވި އެވެ.


ރައީސް އަދި ވިދާޅުވީ، އަންނަ އަހަރުގެ ސާކް ސަމިޓު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ސަމިޓް އަންނަންވާއިރަށް، މިހާރަށްވުރެ ބާރަށް ސާކުގެ މަސައްކަތްތައް ހިންގޭނެ ގޮތެއް ހޯދަންޖެހޭ ކަމަށެވެ. އަދި ސާކުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި، އިނޑިއާ އާއި ޕާކިސްތާނުގެ މައްސަލަ ހުރަހަކަށްވެފައިވާ ކަމަށް، އެ ދެ ގައުމުގެ ޕްރައިމިނިސްޓަރުންގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.