27 Jul 2016, 12:11
ބައެއް ބޮޑެތި ފިހާރަތަކަށް ކުރީގެ ނޫޓް ހިފައިގެން ވިޔަފާރި ކުރަން ދިއުމުން އެނޫޓުތައް ބަލައިނުގަންނަ މައްސަލަ ބޮޑުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ) އިން ބުނެފި އެވެ.
ކުރީގެ ނޫޓުތައް މިމަސް ނިމެންދެން ވިޔަފާރި ކުރުމުގައި ބޭނުންކުރެވޭ އިރު ބައެއް ފިހާރަތަކުން ކުރީގެ ނޫޓުތައް ބަލައިނުގަނެ އޭގެ ސަބަބެއް ކަމަށް ބުނަނީ މިމަސް ނިމުމާ އެކު ކުރީގެ ނޫޓުތައް ބޭނުން ކުރުން ހުއްޓާލާއިރު މިނިވަން ބަންދު ނިމުމާ އެކު އެ ފައިސާ ރަންދިހަ ފަހެއްގެ ނޫޓަށް ބަދަލު ކުރުމުގެ ފުރުސަތު އެވިޔަފާރިތަކަށް ނެތް ކަމަށެވެ.
"މާލޭގެ ނަން މަޝްހޫރު ބޮޑެތި ފިހާރަތަކުން ކުރީގެ ނޫޓުތައް ނުނަގާކަމުގެ ޝަކުވާ ވަނީ ލިބިފައި، އެތަންތަނަށް ގުޅައިގެން ހައްލު ކުރަމުން މިދަނީ." އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބެއިރު މިއަދު "ސަން"އަށް ވިދާޅުވިއެވެ.

މަންސޫރު ވިދާޅުވީ އެއީ ގޯސް މައުލޫމާތެއް ކަމަށާއި ކުރީގެ ނޫޓޫތައް މިއަހަރު ނިމެންދެން ބޭންކުތަކުން ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދޭ އިރު ފަސް އަހަރު ވަންދެން އެމްއެމްއޭ އިން ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށްދޭނެ ކަމަށެވެ. އަދި އޭޓީއެމްތަކުން ވެސް ޖަމާކުރެވޭނެ އެވެ. އެހެންކަމުން ވިޔަފާރިތަކުން ކުރީގެ ނޫޓުތައް ބޭނުން ކުރަންޖެހޭނެ ކަމަށް މަންސޫރު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރަންދިހަ ފަހެއްގެ ނޫޓުތައް ތައާރަފްކޮށްފައިވާ އިރު މިމަސް ނިމުމާ އެކު ފަސް ރުފިޔާ ފިޔަވަައި އެހެން ނޫޓުތައް ވިޔަފާރި ކުރުމުގައި ބޭނުން ނުކުރެވޭނެ އެވެ. ނަމަވެސް ފަސް އަހަރު ވަންދެން ކުރީގެ ނޫޓު ފަހުގެ ނޫޓުތަކަށް ބަދަލުކުރެވޭނެ އެވެ.