27 Jul 2016, 12:18
ފިލެޑެލްފިޔާ (ޖުލައި 27) : އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކީ ހިލަރީ ކްލިންޓަން ކަމަށް އެޕާޓީން ރަސްމީ ސިފައެއްގައި ނިންމައި ރިޔާސީ ކެންޑިޑޭޓް ކަމުގެ ޓިކެޓް ހިލަރީއަށް ދީފި އެވެ.
މިކަމަށްޓަކައި އެޕާޓީން ބޭއްވި ރަސްމިއްޔާތު އޮތީ ފިލެޑެލްފިޔާގަ އެވެ. އުމުރުން 68 އަހަރުގެ ހިލަރީއަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ސިޔާސީ ބޮޑު ޕާޓީއެއްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފުރަތަމަ އަންހެން ޝަޚްސިއްޔަތެވެ. ހިލަރީ ވަނީ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޓަކައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބޭއްވި ޕްރައިމަރީ ވެސް ކާމިޔާބު ކުރައްވާފަ އެވެ. ޕްރައިމަރީގައި ހިލަރީ ވަނީ ރިޔާސީ ކެންޑިޑޭޓަކަށްވުމަށް ބޭނުންވާ މިންވަރަށް ވޯޓު ހޯއްދަވާފަ އެވެ.

ހިލަރީ ކްލިންޓަން
އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގަ އެވެ. މިއިންތިޚާބުގައި ހިލަރީއާ ވާދަކުރައް ވާނީ އެމެރިކާގެ ހަރުކަށި ލީޑަރެއްކަމަށްވާ ޑޮނަލްޑް ޓްރަމްޕް އެވެ. ޚިޔާލު ހޯދުމުގެ ސާވޭތަކުން 10 ޕޮއިންޓް ކުރީގައި އުޅުއްވަނީ ހިލަރީ އެވެ. އެހެންކަމުން އެމެރިކާގެ ރިޔާސަތު ކާމިޔާބު ކުރުމުގެ ފުރްސަތު ބޮޑީ ހިލަރީއަށް ކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް ވަކިކޮޅަކަށް ތާއީދުނުކުރާ މީހުންގެ ނިސްބަތް 15 ޕަސެންޓަށް އަރާކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައި އޭގެތެރެއިން ގިނަބަޔަކު ފަހުވަގުތުގައި ޓްރަމްޕަށް ތާއީދުކޮށްފި ނަމަ އެމެރިކާގެ ރިޔާސަތު ކާމިޔާބު ކުރުމުގެ ފުރްސަތު ޓްރަމްޕަށް ބޮޑުވުމަކީ އެކަށީގެންވާކަމެއް ކަމަށް މުރާސިލުން ބުނެ އެވެ.
ހިލަރީއަށް ރިޔާސީ ކެންޑިޑޭޓްކަން ދިނުމަށް ޓަކައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބޭއްވި ރަސްމިއްޔާތުގައި ހިލަރީ އަރިހުގައި އެކަމަނާގެ ފިރިކަލުން ބިލް ކްލިންޓަން ވެސް ހުންނެވި އެވެ. ބިލް ކްލިންޓަންއަކީ އެމެރިކާގެ ރައީސްކަން ދެ ދައުރަށް ކުރައްވާފައިވާ ބޭފުޅެކެވެ. (އަލްޖަޒީރާ)