ޖަކާޓާ (ޖުލައި 27): މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ތެރެއިން 16 މީހަކަށް މަރުގެ އަދަބު ދިނުމަށް ޓަކައި 16 ސަންދޯއް އިންޑޮނީޝިޔާގެ ޖަލަކަށް ގެންގޮސްފި އެވެ.

އިންޑޮނީޝިޔާގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާގޮތުން ސަންދޯއްތައް ގެންދިޔައީ އެގައުމުގެ ޖަލުގެ އެކުވެންޏެއް ކަމަށްވާ "ނޫޒާ ކަންބާންޖާން" އަށެވެ. މިއީ އިންޑޮނީޝިޔާގެ ޖަލުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޖަލެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން ޝަރީޢަތަށް ސާބިތުވެގެން މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ އެތައްބަޔަކު އެޖަލުގައި އެބަތިއްބެވެ. އޭގެތެރެއިން 16 މީހަކަށް މިހަފްތާގައި މަރުގެ އަދަބު ދޭނެކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފަ އެވެ.

އިންޑޮނީޝިޔާގައި މަރުގެ އަދަބު ދެނީ ބޮލަށް ބަޑިޖަހައިގެންނެވެ. މިދިޔަ އަހަރު ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑުންގެ ތެރޭގައި ހިމެނޭ 14 މީހަކަށް އެގައުމުން މަރުގެ އަދަބު ދީފައިވެ އެވެ. ޖަނާޒާގެ ކަންތައްތަކާ ބެހޭ އިންޑޮނީޝިޔާގެ މަސްއޫލުވެރިއަކު ވިދާޅުވީ "ނޫޒާ ކަންބާންޖާން" ޖަލަށް ސަންދޯއް ގެންދިޔައީ 16 މީހަކަށް މަރުގެ އަދަބު ދިނުމަށް ފަހު އެމީހުންގެ ހަށިތައް ލުމަށެވެ.

މަރާލުމަށް ފަހު އެމީހުންގެ އާއިލާތަކަށް އެމީހުންގެ މޫނު ދެއްކުމަކީ އިންޑޮނީޝިޔާގެ ޖަލުތަކުން ކުރާކަމެކެވެ. އަދި މަރާލުމަށް ފަހު ޖަނާޒާގެ ކަންތައްތައް ކުރުމަށާއި ވަޅުލާންވެސް ގެންދަނީވެސް ސަންދޯކުގަ އެވެ. އިންޑޮނީޝިޔާއަކީ ވެސް ބޮޑެތި ކުއްތަކަށް މަރުގެ އަދަބު ދޭ ގައުމެކެވެ. މަރުގެ އަދަބު ދޭ މީހުންގެތެރޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާމީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނާއި މީހުން މަރާމީހުން ހިމެނެ އެވެ. (ރޮއިޓާސް)