27 Jul 2016, 11:04
އިންޑިއާގެ އުތުރުގައި ދިރިއުޅޭ ބިޝްނޯއީ ޖަމާއަތުގެ މީހުން، ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން އާއި ދެކޮޅަށް މުޒާހަރާ ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުން ސަލްމާން ޚާން އާއި ދެކޮޅަށް މުޒާހަރާ ކޮށްފައި ވަނީ 1998 ވަނަ އަހަރު ޖޯދުޕޫރުގައި ޖަނަވާރުގެ ބާވަތެއް ކަމަށްވާ ޗިންކާރާތަކެއް މަރާލައި އެ ޖަނަވާރުތައް ކެއްކި ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ހައި ކޯޓުން ހުކުމް ކުރުމުންނެވެ.
ބިޝްނޯއީ ޖަމާއަތަކީ ޖަނަވާރުތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބައެކެވެ. ހާއްސަކޮށް ޗިންކާރާ އަދި ފުއްލާތަކުގެ ހިމާޔަތުގައި އެމީހުން މަސައްކަތް ކުރެ އެވެ. ޗިންކާރާ އަކީ ހަމައެކަނި އީރާން، ޕާކިސްތާން އަދި އިންޑިއާ އިން ފެންނަ އެއްޗެކެވެ.
ސަލްމާންގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށް ނިންމުމުން، އެއީ ކަޅު ދުވަހެއް ކަމުގައި އެމީހުން ވަނީ ސިފަކޮށްފަ އެވެ. އަދި އެކަމާ ނުރުހުން ފާޅު ކުރުމަށް ސަލްމާން ޚާން އާ ދެކޮޅަށް މުޒާހަރާކޮށް އޭނާގެ ޕޯސްޓަރުތައް ވަނީ އަންދާލައިފަ އެވެ.
"އިއްޔެ އަކީ ޖަނަވާރު ދެކެ ލޯބިވާ މީހުންނަށް ކަޅު ދުވަހެއް. އަހަރުމެން ވަރަށް ބޮޑަށް މާޔޫސް ވެއްޖެ ކޯޓުގެ ނިންމުމާ ގުޅިގެން. ދައުލަތަށް ގޮވާލަން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް،" ބިޝްނޯއީ ޖަމާއަތުގެ އިސް ވެރިޔަކު ބުނެފައިވެ އެވެ.
ސަލްމާން ޚާންގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކަނޑައަަޅައި އިންޑިއާގެ ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ޗިންކާރާގެ ހަށިގަނޑަށް އަމާޒުވި ވަޒަންތަކަކީ ސަލްމާންގެ ބަޑީގެ ވަޒަން ނޫން ކަމަށެވެ.