27 Jul 2016, 11:15
ބޮލީވުޑުގެ އިތުރުން ހޮލީވުޑުގައި ވެސް ރަނިކަން ކުރަމުން އަންނަ ޕްރިޔަންކާ ޗޯޕްޅާ އަކީ ފިލްމީ ދާއިރާގައި ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ، ޕަރިނީތީ ޗޯޕްޅާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕަރިނީތީ ބުނީ، ޕްރިޔަންކާ ހޮލީވުޑަށް ނުކުމެ، އެންމެންގެ މަގުބޫލުކަން ހޯދާފައިވާ ކަމަށާއި، ޕްރިޔަންކާގެ ސަބަބުން ހޮލީވުޑުގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ހިންދީ ފަންނާނުންނާ މެދު ގެންގުޅޭ ވިސްނުން ބަދަލުކޮށްލާފައިވާ ކަމަށެވެ.
"ޕްރިޔަންކާ މިހާރު ޓީވީ ޝޯވ އެއްގެ އިތުރުން ފިލްމެއްގެ މަސައްކަތް ވެސް ކޮށްފި. އެއީ އެންމެ ފަހުލަވާނެއްގެ މައްޗަށް އެކުލެވޭ ބޮޑު އަސްކަރިއްޔާ އެއް. އަހަންނަށް މި ދާއިރާގައި އެންމެ ހިތްވަރު ލިބެނީ އޭނާގެ ފަރާތުން. ޕްރިޔަންކާ ނުހުއްޓުވޭނެ،" ޕަރިނީތީ ބުނެފައިވެ އެވެ.
"ކުއަންޓިކޯ" ގެ ފުރަތަމަ ސީޒަން ނިމިފައި ވާއިރު ޕްރިޔަންކާ މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ ސީރީޒްގެ ދެވަނަ ސީޒަން ޝޫޓު ކުރުމުގަ އެވެ. އަދި އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ވެސް ރިލީޒް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ޕަރިނީތީ ބުނީ ޕަރިޔަންކާ އަންނަނީ ޕަރިނީތީގެ އަމިއްލަ ދިރިއުޅުމާއި ޕްރޮފެޝަނަލް ދިރިއުޅުމުގައި ވެސް ކަންތައް ކުރަންވީ ގޮތް ބުނެދީ މަގުދައްކައި ދެމުން ކަމަށެވެ.
"ދައްތައެއްގެ ގޮތުން ވިޔަސް، މަސައްކަތުގައި ވިޔަސް އަހަންނަށްޓަކައި އަބަދު ވެސް ހުންނާނެ. އެއީ ވަރަށް ރަނގަޅު ދައްތަ އެއް. އުޅޭނީ ވަރަށް ބުރަކޮށް އަދި އެހާ ކާމިޔާބު. އެކަމަކު އާއިލާ އަށް ވަރަށް ބޮޑަށް ވަގުތު ދޭ،" ޕްރިޔަންކާ އަށް ތައުރީފު ކުރަމުން ޕަރިނީތީ ބުންޏެވެ.