27 Jul 2016, 10:32
ސްޓާޕްލަސް އިން ދައްކަމުން އަންނަ ހިޓް ސީރީޒް، "ޔޭ ހޭ މޮހޮއްބަތޭން"ގައި ޝަގުން އަރޯރާގެ ރޯލުން ފެނިގެންދާ އަނީތާ ހަސަނަން ދާނީ ރާއްޖެ އައިސް ގިނަ އަދަދެއްގެ ދިވެހިންނާ މިއަދު މިވަނީ ބައްދަލުކޮށްފަ އެވެ.
ރާއްޖޭގެ 51 ވަނަ މިނިވަން ދުވަހު، އަނީތާ އަދި އޭނާގެ ފިރިމީހާ ރަސްފަންނަށް ދިއުމުން، އެތައް ހާސް ބަޔަކު ވަނީ އަނިތާ އާއި ބައްދަލުކޮށްލައި، އަނިތާ ހަމަ ލޮލަށް ފެނިލުމަށް އެ ސަރަހައްދަށް ގޮސްފަ އެވެ. އަބަދުވެސް ސަޕޯޓަރުންނާ ގާތް ގުޅުމެއް ބާއްވާ އަނީތާ މިއަދު ވެސް ފެނިގެން ދިޔައީ ހަމަ އެގޮތަށެވެ. ގިނަ ދިވެހިންނާ ބައްދަލުކޮށް ފޮޓޯ ނަގައި ހެދި އެވެ.

އަނީތާ ދެކިލުމަށް ރަސްފަންނަށް ދިޔަ ދިވެހިންގެ އަދަދު ގާތްގަނޑަކަށް 4000 އަށް އަރާނެ ކަމަށް ބެލެވެ އެވެ. އެހާ ގިނަ ބަޔަކު އަނީތާއާ ބައްދަލުކޮށްލަން ދިޔަ އިރު، ދިވެހިންގެ މެދުގައި އަނީތާގެ މަގުބޫލުކަން އޮތް މިންވަރު ހާމަވެ އެވެ. ނަމަވެސް އެއީ ކާކުކަން ނޭނގޭ މީހުން ވެސް ތިބުމަކީ އެކަށީގެންވާ ކަމެކެވެ.
އުމުރުން 36 އަހަރުގެ އަނީތާ އަކީ ހަމައެކަނި "ޝަގުން" އެއް ނޫނެވެ. ޝަގުންގެ ގޮތުގައި އޭނާ ފެނުމުގެ ކުރުމުގެ މާކުރިން ވެސް އޭނާ އަކީ ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ތަރި އެކެވެ. ހަމައެކަނި ސީރީޒް ތަކުންނެއް ނޫނެވެ. އަނީތާ އަކީ ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެނިފައިވާ ފަންނާނެކެވެ.

ކޮއި އާޕްސާގެޕޯސްޓަރެއް: އެ ފިލްމުގައި އަނީތާ އާއެކު ފެނިގެންދާނީ އާފްތާބް ----
ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާ އަކީ މޮޑެލް ކުރި މީހެކެވެ. "އެވަރޔޫތު" އަދި "ބޯރޯޕްލަސް" ފަދަ ބްރޭންޑުތަކުގެ މޮޑެލް އެއްގެ ގޮތުގައި ފެނުމަށް ފަހު ފިލްމީ ދާއިރާ އަށް ނުކުތީ 2001 ވަނަ އަހަރު މެޓްރޯ ގޯލްޑް އިން ދައްކަން ފެށި ޑްރާމާ، "ކަބީ ސޯތަން، ކަބީ ސަހޭލީ" އިންނެވެ.
ބޮލީވުޑް ފިލްމަކަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ 2003 ވަނަ އަހަރު ނުކުތް ތުރިލާ ފިލްމު، "ކުޗް ތޯ ހެއި" އިންނެވެ. އެއަށް ފަހު އަނީތާ ވަނީ "ކްރިޝްނާ ކޮޓޭޖް"، "ޔޭ ދިލް" އަދި "ކޮއި އާޕްސާ" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
ބޮލީވުޑް ފިލްމުތަކަށް ފަހު ދެން ވެސް އަނީތާ ފެނިގެން ދިޔައީ 2005 ވަނަ އަހަރު ސްޓާ ޕްލަސް އިން ދައްކަން ފެށި ކާމިޔާބި ޑްރާމާ "ކާވިއަންޖަލީ" އިންނެވެ. އެ ޑްރާމާގައި އޭނާ ކުޅުނު "އަންޖަލީ"ގެ ރޯލަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.

"ޔޭ ހޭ މޮހޮއްބަތޭން" ގެ މަންޒަރެއްގައި އަނީތާ ---
އަނީތާ ވަނީ ހިންދީ ފިލްމާއި ޑްރާމާގެ އިތުރުން، ތެލުގޫ، ޓެމިލް އަދި ކަންނަޑާ ބަހުން އުފައްދާފައިވާ ފިލްމާއި ޑްރާމާތަކުގައި ވެސް ހަރަކާތްތެރިވެފަ އެވެ.
އަނީތާ އަށް އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިފައި ވަނީ "ޔޭ ހޭ މޮހޮއްބަތޭން" އިންނެވެ. އެ ޑްރާމާގައި އަދާކުރާ ޝަގުން ގެ ރޯލަށް އޭނާ އަށް ވަނީ ގިނަ އެވޯޑުތަކެއް ވެސް ލިބިފަ އެވެ.
އަނީތާ ވަނީ އެކްޓަރު އެލީޖާ ޚާން އާ ލޯބީގެ ގޮތުން ގުޅި، އެންގޭޖު ވެސް ވެފަ އެވެ. ނަމަވެސް އެ ގުޅުން ކުރިއަށް ނުދިއުމުން ދެން އޭނާ ގުޅުނީ، މިހާރުގެ ފިރިމީހާ ރޯހިތު ރެޑީ އާ އެވެ.

އަނީތާ އަދި އޭނާގެ ފިރިމީހާ ރޯހިތު: ދެމީހުން ކައިވެނި ކުރީ 2013 ވަނަ އަހަރު ---
ރޯހިތު އަކީ އަމިއްލަ ވިޔަފާރި ކުރާ މީހެކެވެ. ދެމީހުން ކައިވެނި ކުރީ 2013 ވަނަ އަހަރު އެވެ.
އަނީތާ އަކީ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މިވަގުތު، ޑްރާމާ ސީރީޒްތަކުން ފެންނަ އެންނެ "ސްޓައިލިޝް" އަންހެން ފަންނާނެވެ.