ތިން ރަށެއްގެ ތަރައްގީގެ މަސައްކަތްތަކެއް ކުރުމަށް ޖުމްލަ 30.2 މިލިއަން ރުފިޔާ އަށް ހައުސިން މިނިސްޓްރީން ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ )އެމްޓީސީސީ( އާ މިއަދު ހަވާލުކޮށް ސައިކޮށްފި އެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރްމަންޓްގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްޓީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޏ. ފުވައްމުލަކާއި މ. މުލައް އަދި އައްޑޫ ސިޓީގެ ގަމުގައި ތަފާތު މަސައްކަތްތަކެއް ކުރުމަށެވެ.

މިނިސްޓަރު އޮފް ސްޓޭޓްފޯ ހައުސިން އެންޑް އެންވަޔަރްމެންޓް ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މ. މުލަކުގެ ބަނދަރުގެ ބޭރުތޮށި ޖެހުމާއި ފުންކޮށްލަންޖެހޭ ތަންތަން ފުންކުރުމުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އަދި އޭނާ ވިދާޅުވީ ބޮޑުހިލަ ބޭނުންކޮށްގެން އެބަނދަރުގައި ޖެހުމަށް ހަމަޖެހިފައި ވަނީ 925 ފޫޓްގެ ބޭރުތޮއްޓެއް ކަމަށެވެ. އަދި އޭގެ އިތުރުން 269 ފޫޓްގެ ރިވެޓްމަންޓެއް ޖެހުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށެވެ. އެ މަސައްކަތުގެ ޖުމްލަ އަގު 13.5 މިލިޔަން ރުފިޔާއަށް އަރަ އެވެ.

މިއަދު އެމްޓީސީސީއާ ހަވާލުކުރި އަނެއް މަސައްކަތަކީ ޏ. ފުވައްމުލަކަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައި ދިނުމަށްޓަކައި އެރަށު ރަސްގެފަންނު ސަރަހައްދުގައި ވާ ތިން ނެރެއް ބެއްދުމުގެ މަސައްކަތެވެ. އެގޮތުން އެނެރުތައް ބެއްދުމަށް ބޭނުންކުރާނީ ސަރުކާރުން ކުރިން އެރަށަށް ގެންގޮސްފައި ހުރި ޓެޓްރޮޕޮޑްސް (ތިންފައިކަށި ގާ) ކަމަށް ޑރ. ޝަރީފު ވިދާޅުވި އެވެ. ސަތޭކަ ފަސްދޮޅަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 1.7 މިލިޔަން ރުފިޔާއަށެވެ.

މިއަދު އެމްޓީސީސީއާ ހަވާލުކުރި އަނެއް މަސައްކަތަކީ އައްޑޫ ސިޓީގެ ގަމުގައި ބަނދަރެއް ހެދުމުގެ މަސައްކަތެވެ.
އެމަސައްކަތް 15 މިލިޔަން ރުފިޔާގެ އަގަކަށް އަލުން އެމްޓީސީސީއާ ހަވާލުކޮށް، އެމަސައްކަތް ފަށައިގަތުމަށް މިހާރުވެސް ތިން މިލިޔަން ރުފިޔާ އެމްޓީސީސީއަށް ދީފައި ވާ ކަމަށް ޑރ. ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް، ގަން އެއާޕޯޓް ކުރިން ހިންގި ރީޖަނަލް އެއާޕޯޓްސް އިން ގަމުގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރުމުން އެކުފުންނިން އެ މަސައްކަތް ކުރިއަށްގެންގޮސްފައިނުވާ ކަން ވެސް ވެސް ޑރ. ޝަރީފް ފާހަގަކުރެއްވި އެވެ. މިއަދު ސޮއިކުރި އެގްރިމެންޓުގައިވާ ގޮތުގައި އެ މަސައްކަތް 120 ދުވަހުގެ ތެރޭ ނިންމަން ޖެހެ އެވެ. އެއާ ކުރު މުއްދަތެއް ތެރޭ އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ، މިއަހަރު ބާއްވާ ސާކު ސަމިޓުގެ ކުރިން އެ މަސައްކަތް ނިންމަން ބޭނުންވާތީ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއަދު ސޮއިކުރި ތިން އެއްބަސްވުމުގައި ވެސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝަރީފެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ ހުސައިން އަމްރު އެވެ.