މިއަދު ހަވީރު މާލެއިން ސްރީލަންކާގެ ކޮލަމްބޯއަށް ދަތުރުކުރަން ހަމަޖެހިފައި އޮތް މިހިން ލަންކާގެ މަތިންދާ ބޯޓަކަށް މައްސަލައެއް ޖެހި، އެ ފްލައިޓުން ދަތުރުކުރަން ހަމަޖެހިފައި ތިބި 160 ފަސިންޖަރުންނަށް ނުފުރި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އޭއާޕޯޓް (އައިއެންއައިއޭ)ގައި ތާށިވެއްޖެ އެވެ.

މިހިން ލަންކާގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓެއް ކަމަށްވާ އޭސް އޭވިއޭޝަން ސާވިސަސްގެ އޮފިޝަލަކު މިރޭ ވިދާޅުވީ، މިއަދު 6:30 ގައި މާލެއިން ކޮލަމްބޯއަށް ފުރަން ހަމަޖެހިފައި އޮތް ފަސިންޖަރުންނަށް ނުފުރި މައްސަލަތަކެއް ދިމާވީ، ފަސިންޖަރުން ފުރަން އޮތް މިހިން ލަންކާގެ ފްލައިޓަށް މައްސަލައެއް ދިމާވެ، ކޮލަންބޯގައި އެ ފްލައިޓް މަޑު ކުރަން ޖެހުމުން ކަމަށެވެ.

"މިއަދު ނުފުރުނު ފަސިންޖަރުންނަކީ މިއަދު 5:30 ގައި ކޮލަންބޯއިން މާލެއަށް އަންނަ އޮތް މިހިން ލަންކާގެ ފްލައިޓަކުން ދާން ހަމަޖެހިފައިވާ މީހުން. ފްލައިޓަށް މައްސަލައެއް ދިމާވުމުން ޝެޑިއުލަށް މައްސަލަތަކެއް ދިމާވި. މައްސަލަ ދިމާވުމުން އެ ފްލައިޓުން ފުރަން ހަމަޖެހިފައިވާ 160 ފަސިންޖަރުންނަށް ވަނީ ނުފުރިފަ،" އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފްލައިޓަށް ދިމާވި މައްސަލަ ހައްލުކުރެވި މިރޭ ދަންވަރު 2:00 ޖަހާއިރު ފްލައިޓް އަންނަން ތައްޔާރުވެ، އެއާޕޯޓް ރަންވޭ ވެސް ހުޅުވުމުގެ ފުރުސަތު ދިން ކަމަށެވެ. ނަމަވެސް ފްލައިޓް އޮޕަރޭޓް ކުރާނެ ކެޕްޓަންއާ ކެބިން ކުރޫއިން ނުލިބުމުގެ ސަބަބުން ފްލައިޓް މާލެ ނާދެވުނު ކަމަށް ވިދާޅުވި އެވެ.

"މިރޭ ނުފުރުނު ފަސިންޖަރުންނަށް މިހާރު ވާނީ ހުޅުމާލެއިން ހޮޓެލް އެކޮމަޑޭޝަން ހަމަޖައްސައިދީފަ. ބައެއް ފަސިންޖަރުން މާލެ ދާން ބޭނުންވާތީ އެ ފުރުސަތު ވެސް ވަނީ އެ ފަސިންޖަރުންނަށް ދީފަ. މިރޭ ތާށިވި ފަސިންޖަރުން ފުރަން ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 9:00 ގައި، ސްރީލަންކަން އެއާލައިންސްގެ ފްލައިޓަކުން. އެއީ އެ ފަސިންޖަރުން ބަލާ އަންނަން ހާއްސަ ފްލައިޓެއް،" އޮފިޝަލު ވިދާޅުވި އެވެ.

މިހިން ލަންކާގެ ފްލައިޓަކަށް މިރޭ މައްސަލަ ޖެހި ފަސިންޖަރުންތަކެއް އެއާޕޯޓުގައި ތާށިވިއިރު، އެ ފްލައިޓުން ދާން ހަމަޖެހިފައި އޮތް ފަސިންޖަރުން ވަނީ އެއާޕޯޓުގައި ނުރުހުން ފާޅުކޮށްފަ އެވެ.

ނުފުރުނު ފަސިންޖަރަކު މިރޭ "ސަން" އަށް ބުނީ، ފްލައިޓް ފުރަން އޮތް ވަގުތުގައި ނުފުރި ދެ ފަހަރެއްގެ މަތިން ފްލައިޓް ޑިލޭވި ވާހަކަ އެއާޕޯޓުގެ އޮފިޝަލުން ބުނި ކަމަށެވެ. ނަމަވެސް އެތަނުގައި މިހިން ލަންކާގެ އޮފިޝަލަކު ޖަވާބު ދާރީވާން ނެތުމުން ފަސިންޖަރުންގެ ކަންބޮޑުވުން ހުރި ކަމަށް ބުންޏެވެ.

މިހިން ލަންކާގެ ފްލައިޓަކަށް މައްސަލައެއް ޖެހި، ފަސިންޖަރުންތަކަކަށް މިރޭ ނުފުރުނުއިރު، އިއްޔެ ހަވީރު މާލެއިން ކޮލޮމްބޯ އަށް ދަތުރުކުރަން ހަމަޖެހިފައި އޮތް މިހިން ލަންކާގެ މަތިންދާ ބޯޓަކަށް މައްސަލަޖެހި ބަނގުލަދޭޝްގެ ދާކާގައި މަޑުކުރަން ޖެހުމުން، ތަފާތު ބޯޓެއް ބޭނުން ކުރަން ޖެހި އެ ފްލައިޓުން 72 މީހެއްގެ ޖާގަ އެއް ވަނީ ގެއްލިފަ އެވެ.