27 Jul 2016, 00:37
އިސްލާމީ މަރުކަޒު ސަރައްދުން ހައްޔަރު ކުރި ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒާއި ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އާޒިފް ފުލުހަށް ހާޒިރުކޮށް ބަޔާން ނެގުމަށްފަހު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން"އަށް މިރޭ ވިދާޅުވީ އިސްލާމީ މަރުކަޒު ސަރަހައްދުން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ސާފުކުރަން ޖެހޭ ބައެއް ކަންކަން ސާފުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އާޒިފްގެ މައްޗަށް ފުލުހުން ތުހުމަތު ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ދަތި ކުރުމާއި، ފުލުހުންނަށް ނުކިޔަމަންތެރިވުން ކަމަށް އޭނާ ބުންޏެވެ.
މިރޭ ގާތްގަނޑަކަށް 7:15 އެހާ ކަންހާއިރު ފުލުހުން އާޒިފް ހައްޔަރުކޮށްފައި ވަނީ އިޝާ ނަމާދަށް އިސްލާމީ މަރުކަޒަށް ގޮސް ނުވަދެވި ފުލުހުންނާ ދެކެވުނު ވާހަކަތަކަކާ ގުޅިގެން ކަމަށް އާޒިފް ބުންޏެވެ.

ހައްޔަރު ކުރި ދެ ނޫސްވެރިން ކަމަށްވާ ފިޔާޒު (މ) އަދި އާޒިފް (ވ) ޝަހީދު ހުސައިން އާދަމް ބިލްޑިންގ އިން ނުކުންނަނީ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް ފުލުހުން ހައްޔަރުކޮށްފައި ވަނީ މިރޭ އިސްލާމީ މަރުކަޒު ސަރަހައްދުގައި ރައީސް ޔާމީން މިނިވަން ދުވަހާ ގުޅުވައިގެން ދެއްވި ޖާފަތަށް ދައުވަތު ދެއްވައިގެން އެތަނަށް ހާޒިރުވެ ހުއްޓައިކަން އެނގިފައިވެ އެވެ.
ނަމަވެސް ފިޔާޒުގެ މައްޗަށް ސިޔާސީ ހަރަކާތް ހިންގަން އުޅުމުގެ ތުހުމަތުކޮށް ފުލުހުން ވަނީ ބަޔާން ނަގާފަ އެވެ.
އެ ދެ މީހުންގެ އިތުރުން ދެން ހައްޔަރު ކުރި މީހުންވެސް ފުލުހުން ވަނީ ދޫކޮށްލާފަ އެވެ. ހައްޔަރު ކުރުމަށްފަހު ދޫކޮށްލި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު ތާރިގު ވެސް ހިމެނިވަޑައިގަންނަވަ އެވެ.