27 Jul 2016, 01:10
ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނި ނުކުރުމަށް ގޮވާލައި ނޫސްވެރިންތަކެއް މާލޭގައި މިރޭ މުޒާހަރާކޮށްފި އެވެ.
ނޫސްވެރިން މާލޭގެ މަގުތަކަށް ނުކުމެ މިރޭ މުޒާހަރާ ކުރީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލާމެދު އޮތް ކަންބޮޑުވުން ފާޅު ކުރުމަށެވެ.
މިނިވަން ނޫސްވެރި ކަމަށް ހުރަސް ނޭޅޫމަށް އެދި، ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ތިބެ ނޫސްވެރިން ވަނީ މާލޭގެ މަގުތަކުގައި ސުލްހަވެރިކަމާއެކު ހިނގާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރި، ހަކުރާ ގޯޅިން ފެށި މުޒާހަރާ ހުއްޓާލަން ޖެހުނީ ފުލުހުން އެ މުޒާހަރާއަށް ހުރަސް އެޅުމުންނެވެ. އެގޮތުން ހަކުރާ ގޯޅިން އުތުރަށް ގޮސް، މެދުޒިޔާރަތް މަގުން ހުޅަނގަށް ދާން އުޅުމުން ފުލުހުން ވަނީ ނޫސްވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް ހުރަސް އަޅާފަ އެވެ. އަދި މެދުޒިޔާރަތް މަގުން އިރަށް ގޮސް، ސޯސަން މަގުން ދެކުނަށް ހިނގާފައި ދަނިކޮށް ފުލުހުން ވަނީ މުޒާހަރާ ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފަ އެވެ.

ޖުލައި 26، 2016: މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލުގެ ސަބަބުން ޤާނޫން އަސާސީގެ 27 ވަނަ މާއްދާގައި ބުނާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭތީ ނޫސްވެރިން މިރޭ މާލޭގައި ކުރި މުޒާހަރާ ގެ ތެރެއިން--- ސަން ފޮޓޯ/މުހައްމަދު އަފްރާހް
"ފުލުހުން އެންގީ މަގުމަތީގައި މުޒާހަރާ ނުކުރެވޭނެ ކަމަށް. އަދި ޕޭވްމަންޓަށް އެރުމަށް. ދެން ޕޭމަންޓު މައްޗަށް ހުރިހާ ނޫސްވެރިން އެރުމުން ވެސް އެގޮތަށް އަމަލު ކުރިން. އެންމެފަހުން އެންގީ ޝުއޫރު ފާޅުކުރުމަށް މާލޭގައި މިގޮތަށް މުޒާހަރާ ނުކުރެވޭނެ ކަމަށް،" މުޒާހަރާގައި ބައިވެރިވި ނޫސްވެރިޔަކު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނޫސްވެރިންތަކެއް މުޒާހަރާ ކުރި ކަމެއް އެނގިފައި ނުވާ ކަމަށާއި ނަމަވެސް މިނިވަން ދުވަހުގެ ހަފްލާއަށް ހުރަސް އަޅަން މާލޭގައި މުޒާހަރާ ކުރި ބަޔަކު ހުއްޓުވާފައިވާނެ ކަމަށެވެ.
"ފުރަތަމަ ކަމަކަށް ނޫސްވެރިން މުޒާހަރާ ކުރި ކަމެއް އެނގިފައެއް ނުވޭ. ނަމަވެސް މިނިވަން ދުވަހުގެ މިރޭގެ ހަފްލާއަށް ހުރަސް އަޅަން މަގުމައްޗަށް ނުކުތް ބަޔަކު ހުއްޓުވާފައިވާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ޖުލައި 26، 2016: މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލުގެ ސަބަބުން ޤާނޫން އަސާސީގެ 27 ވަނަ މާއްދާގައި ބުނާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭތީ ނޫސްވެރިން މިރޭ މާލޭގައި ކުރި މުޒާހަރާ ގެ ތެރެއިން--- ސަން ފޮޓޯ/މުހައްމަދު އަފްރާހް
ނޫސްވެރިންގެ މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ދުވަހު ނޫސް "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރު އަލީ ނާފިޒު ބުނީ މިރޭ ބޭއްވި އެއްވުމުގެ މަގުސަދަކީ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލުގެ ސަބަބުން ހިޔާލުފާޅު ކުރުމާއި މިނިވަން ނޫސްވެރިކަން ހުއްޓިގެންދާނެތީ، އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމަށް ބޭއްވި އެއްވުމެއް ކަމަށެވެ.
"އެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ، ހިޔާލުފާޅު ކުރުމަށް އެންމެންނަށް އޮތް ފުރުސަތު ގެއްލިގެން އެބަދޭ. ނިއުސް ވެބްސައިޓުތަކާއި ބްލޮގްތަކާއި ސޯޝަލް މީޑިއާގައި ކުރާ ޓްވީޓަކުން އަދަބުދީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ގެއްލިގެން އެބަ ދޭ. މިނިވަން ނޫސްވެރިކަމާއެކު ހިޔާލުފާޅުކުރުން މަރާލަނީ،" ނާފިޒު ބުންޏެވެ.

ޖުލައި 26، 2016: މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލުގެ ސަބަބުން ޤާނޫން އަސާސީގެ 27 ވަނަ މާއްދާގައި ބުނާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭތީ ނޫސްވެރިން މިރޭ މާލޭގައި ކުރި މުޒާހަރާ ގެ ތެރެއިން--- ސަން ފޮޓޯ/މުހައްމަދު އަފްރާހް
މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. މީޑިއާ ކައުންސިލުން ކަންބޮޑުވުންފާޅު ކުރީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ހުރި މާއްދާތައް އިސްލާހު ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްފައިވަނިކޮށް، އެ އިސްލާހުތައް ނުހިމަނައި އެ ބިލު މަޖިލީހަށް ހުށަހެޅުމުންނެވެ.