27 Jul 2016, 10:46
އާދައިގެ މީހުންގެ ދިރިއުޅުން ހުންނަ ގޮތް ބަލައި، އެފަދަ ދިރިއުޅުމެއްގެ ކޮންމެވެސް ވަރެއްގެ ތަޖުރިބާއެއް ކުރުމަށް، އިންޑިއާގެ ބިލިއަނަރަކު އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ކެރެލާ އަށް ފޮނުވާލައިފި އެވެ.
ގުޖްރާތަށް ނިސްބަތްވާ ސަވްޖީ ޑޯލަކިއާ އަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަހަނާގެ ވިޔަފާރި ކުރާ މީހެކެވެ. އޭނާގެ "ހަރޭ ކްރިޝްނާ ޑައިމަންޑް" ކުންފުނީގެ ފިހާރަތައް 71 ގައުމުގައި ހުރެ އެވެ.
އޭނާގެ ފިރިހެން ދަރިފުޅު، އުމުރުން 21 އަހަރުގެ ދުރަވްޔާ ޑޯލަކިއާ އަކީ އެމެރިކާގައި އެމްބީއޭ ހަދަމުން އަންނަ ޒުވާނެކެވެ. އޭނާ ކެރެލާއަށް ފޮނުވާލީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އޭނާ ޗުއްޓީ އަކަށް އިންޑިއާ އަށް އައުމުންނެވެ.
ދުރަވްޔާގެ ބައްޕަ އޭނާ ކެރެލާ އަށް ފޮނުވާލީ އަންނައުނު ކޮޅަކާއި 7000 އިންޑިއަން ރުޕީޒް ދިނުމަށް ފަހު އެވެ. އެ ފައިސާ އަކީ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ބޭނުން ކުރަން ދިން ފައިސާ އެވެ.
"އަހަރެން އޭނާ އަށް ތިން ޝަރުތެއް ކުރިން. އަހަރެން ބުނިން ދަރިފުޅު ގާތު އަމިއްލަ އަށް މަސައްކަތް ކޮށްގެން ފައިސާ ހޯދަން. އަދި އެއް ހަފްތާ އަށް ވުރެ ގިނަ ދުވަސް ވަންދެން އެއް ތަނެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށާއި އަހަރެންގެ ނަން ނުވަތަ އޭނަ ނިސްބަތްވާ އާއިލާގެ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަން. އަދި ފޯނު ބޭނުން ކޮށްގެން ނުވާނެ ކަމާއި އެއް މަސް ވަންދެން އަހަރެން ދިން ފައިސާ އިން އެއްވެސް ހަރަދެއް ކޮށްގެން ނުވާނެ ކަން. އަހަރެން ބޭނުންވީ އޭނާ އަށް ވިސްނައިދޭން، ދިރިއުޅުމަކީ ފަސޭހަ ކަމެއް ނޫންކަން. އަދި ނިކަމެތި ފަގީރުން ވަޒީފާއެއް ހޯދަން އުޅޭ ދަތި ހާލު އޭނާ އަމިއްލަ އަށް ތަޖުރިބާ ކުރަން. އެއީ އެއްވެސް ޔުނިވާސިޓީ އަކަށް އުނގަންނައިދީ ދަސްކޮށްދެވޭނެ ކަންކަމެއް ނޫން،" ދުރަވްޔާގެ ބައްޕަ، ސަވްޖީ ބުނެފައިވެ އެވެ.
ބައްޕަގެ ޗެލެންޖު ގަބޫލުކޮށް ކެރެލާ އަށް ދިޔަ އިރު، ދުރަވްޔާ އަށް ކެރެލާ ރައްޔިތުން ވާހަކަދައްކާ މަލަޔާލަމް ބަހެއް ނޭނގެ އެވެ. އެއީ ވެސް އޭނާ އަށް ކުރިމަތިވި އިތުރު ދަތިކަމެކެވެ.
"ފަސް ދުވަސް ވީއިރު ވެސް އަހަންނަށް ވަޒީފާއެއް ނުލިބުނު. އަދި ހުންނާނެ ރަނގަޅު ތަނެއް ވެސް ނުލިބުނު. އަހަރެން ވަޒީފާއެއް ހޯދަން 60 ތަނަށް ދިޔައިން. ހުރިހާ ތަނަކުން ވެސް އަހަރެން ބޭރުކޮށްލީ. ވަރަށް ރުޅި އައި. އަދި ހަދާނެ ގޮތް ވެސް ހުސްވި. އެކަމަކު އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މީހުން ތިމާ އަށް ނޫނެކޭ ބުނުމުން ކުރެވޭ އިހުސާސް އަދި ވަޒީފާގެ އަގު އަހަންނަށް ވަރަށް ރަނގަޅަށް އެނގިގެން ހިނގައްޖެ،" ދުރަވްޔާ ބުނެފައިވެ އެވެ.
ދުރަވްޔާ ވަޒީފާ އަށް އެދި ހުށަހެޅީ، އޭނާ އަކީ ގުޖްރާތުގެ ފަގީރު އާއިލާ އަކަށް އުފަން ކުއްޖެއް ކަމަށާއި ކިޔަވާފައި ވަނީ ގުރޭޑު 12 އާ ހަމައަށް ކަމަށް ބުނެ އެވެ.
ދުރަވްޔާ އަށް އެންމެ ފުރަތަމަ ވަޒީފާއެއް ލިބުނީ ބޭކަރީ އަކުންނެވެ. އެތަނުގައި އެއް ހަފްތާ މަސައްކަތް ކުރުމަށް ފަހު ދެން މަސައްކަތް ކުރީ ކޯލް ސެންޓަރެއްގެ އިތުރުން، ބޫޓު ވިއްކާ ފިހާރަ އަކާއި މެކްޑޮނާލްޑުގެ ބްރާންޗެއްގަ އެވެ. ވަޒީފާ އަދާކޮށްގެން އޭނާ އަށް ހަފްތާއަކު 4000 ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ކަމަށް އޭނާ ބުނެ އެވެ.
"އޭގެ ކުރިން އަހަންނަކީ ދުވަހަކު ވެސް ފައިސާއާ މެދު ވިސްނި މީހެއް ނޫން. އެކަމަކު މިދިޔަ އެއް މަހުގެ ތެރޭގައި އަހަރެން އުޅެން ޖެހުނީ 40 ރުޕީޒްގެ ކެއުމެއް ވެސް ނުލިބިގެން،" އޭނާ ބުނެފައިވެ އެވެ.
ބައްޕަގެ "ޗެލެންޖު" ނިންމާލުމަށް ފަހު، ދިރިއުޅުމަށް މުހިންމު ފިލާވަޅުތަކަކާ އެކު ދުރަވްޔާ އެނބުރި ގެއަށް ދިޔައީ އަންގާރަ ދުވަހު އެވެ.