އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ތ. ހިރިލަންދޫގެ މައްޗަށް 0-1ގެ ނަތީޖާ އަކުން ތ.ތިމަރަފުށީ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ އީދު އިއްޔެ ތިމަރަފުށީގައި ފެށިއިރު ފުރަތަމަ މެޗު ތިމަރަފުށިން ކާމިޔާބު ކުރީ މެޗުގެ 15 ވަނަ މިނެޓްގައި އާދަމް ނާސިހު ކާމިޔާބު ކުރި ހަމައެކަނި ގޯލުންނެވެ.

ތ. އަތޮޅަކީ މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ރަށް ބައިވެރިވި އަތޮޅެވެ. އެ އަތޮޅުން ޖުމްލަ ހަތް ޓީމު ބައިވެރިވިއިރު، ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ތިމަރަފުއްޓާއި ހިރިލަންދޫ އާއި ވަންދޫ އަދި ކިނބިދޫ އެވެ. އެ ގްރޫޕްގެ މެޗުތައް ކުޅޭނީ ތިމަރަފުށީގަ އެވެ.

ގްރޫޕް ދޭއްގައި ހިމެނެނީ ތިން ޓީމެވެ. އެއީ ވިލިފުއްޓާއި ވޭމާންޑޫގެ އިތުރުން އެ ގުރޫޕްގެ ކުޅުން އޮންނަ ގުރައިދޫ އެވެ.

ޖުމްލަ 75 ރަށުން ވާދަކުރާ މި އަހަރުގެ މުބާރާތުގައި އެންމެ މަދުން ބައިވެރިވެފައި ވަނީ ޏ. އަތޮޅާއި ވ. އަތޮޅުންނެވެ. އެ ދެ އަތޮޅުން ވެސް ބައިވެރިވީ އެންމެ ޓީމެކެވެ. އަދި ނ. އަތޮޅާއި ބ. އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް ބައިވެރިވީ ދެ ޓީމެވެ. އެއްވެސް ޓީމެއް ބައިވެރިނުވަނީ އއ. އަތޮޅުންނެވެ.

މިދިޔަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ސ. ފޭދޫ އިންނެވެ. އެ ޓީމަށް މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތުދޭނެ ކަމަށް އެފްއޭއެމް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.