26 Jul 2016, 22:19
އދ. ފެންފުއްޓަށް ވަރަށް ބޮޑަށް އުދަ އަރައި ބަނދަރުމަތީ މަގު ބޭނުން ނުކުރެވޭ ވަރުވެއްޖެ އެވެ.
ފެންފުށީ ކައުންސިލްގެ މެމްބަރު މޫސާ އަލީ މިރޭ ސަން އަށް ވިދާޅުވީ އެ ރަށަށް މެދުނުކެނޑި އުދައަރާތާ މަހެއްހާ ދުވަސްވެފައިވާ ކަމަށާއި ބޮޑަށް އުދަ އަރާތާ ވެސް ދެ ހަފުތާ ވަރު ވެދާނެ ކަމަށެވެ.

ފެންފުއްޓަށް އުދަރާފައި -- ފޮޓޯ/ ކިއުންތެރިއެއް
އޭނާ ވިދާޅުވީ ރަށުގެ އުތުރު ފަރާތު އޮންނަ ބަނދަރަށް ރާޅުއަރައި އަދި އެއްވެސް ހުރަހަކާ ނުލައި ރަށަށް އުދަ އަރަނީ ބަނދަރުގެ ބޭރު ތޮއްޓެއް ނެތުމުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ ގަލުން ހަދާފައި އޮތް ކޮންވެސް ވަރެއްގެ ބޭރު ތޮއްޓެއް ކުރިން އޮތް ކަމަށާއި ނަމަވެސް 2015 ވަނަ އަހަރު ބަނދަރު ކޮންމެވެސް ވަރަކަށް ބޮޑު ކުރުމަށް އެ ތޮށި ނެގުމުން ބަނދަރަށް ރާޅު ވަނުމަށް އެއްވެސް ހުރަހެއް މިހާރު ނެތް ކަމަށެވެ.
"އުދަ ނާރާ އިރު ވެސް ބަނދަރެއް ބޭނުމެއް ނުކުރެވޭ. ދޯނިފަހަރު އަޑިއަށް ދިޔުމުގެ ހާދިސާތައް ވެސް އެބަހުރި ހިނގާފައި،" މޫސާ އަލީ ވިދާޅުވި އެވެ.

ފެންފުއްޓަށް އުދަރާފައި -- ފޮޓޯ/ ކިއުންތެރިއެއް
އޭނާ ވިދާޅުވީ ބަނދަރުގެ ބޭރު ތޮށީގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި ހިލަ ނާންނާތީ އެ މަސައްކަތް ނުފެށި އޮންނަތާ ލައްކަ ދުވަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެންފުއްޓަށް އުދަ އެރުމުގައި އެއްވެސް މީހަކަށް އަދި އެއްޗަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް މޫސާ އަލީ ވިދާޅުވީ ބަނދަރު ސަރަހައްދުގައި ހުރި 1000 ބަސްތާ ސިމެންތި ތެމިދާނެތީ ވަށައިގެން ވެލި ބަސްތާ ޖައްސައި ހިމާޔަތްކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރޭގަނޑު އޮޑިދޯނި ފަހަރުގެ ވެރިން ނުނިދާ ކަމަށާއި ދޯންޏަށް ކަމެއް ވެދާނެތީ ތިބެނީ ހޭލައި ކަމަށެވެ.