އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ދާއިމީ ނަތީޖާ އިއުލާންނުކޮށް ހިފަހައްޓާފައިވާ ހދ. ނޮޅިވަރަމް ދާއިރާގެ ރައީސްގެ މަގާމާއި މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމުގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ދެ ދާއިރާގެ ދާއިމީ ނަތީޖާ ޕާޓީ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފި އެވެ.

އެ ނަތީޖާ ދައްކާ ގޮތުގައި ދެ ދާއިރާ އިން ވެސް ހޮވިވަޑައިގެންނެވީ ވަގުތީ ނަތީޖާ އިން ކުރި ހޯއްދެވި ކަމަށް ދައްކައި ދެ ބޭފުޅުންނެވެ. އެއީ ނޮޅިވަރަމް ދާއިރާގެ ރައީސަކަށް އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު އަދި މަތި އުތުރު ޕްރޮވިންސްގެ ރައީސަކަށް އިމިގްރޭޝަންގެ ކުރީގެ ޑެޕިއުޓީ ކޮންޓްރޯލާ އާދަމް ނަސީރެވެ.

އެމްޑީޕީން އޭޕްރިލް 30 ގައި ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ މިމަހުގެ 12 ވަނަ ދުވަހު ނެރުނު އިރު ނޮޅިވަރަމް ދާއިރާއާއި މަތި އުތުރު ޕްރޮވިންސްގެ ނަތީޖާ ނެރެފައެއް ނުވެ އެވެ. އެއީ އެދެދާއިރާއާ ގުޅޭ ގޮތުން ބޮޑެތި ޝަކުވާތަކެއް ހުށަހެޅިފައިވާތީ އެ މައްސަލަތައް ބަލަމުންދިއުމާ ގުޅިގެން ކަމުގައި ވެސް އެޕާޓީން ވަނީ ކުރިން ބުނެފަ އެވެ.

ނަމަވެސް، މިއަދު އެ ދެދާއިރާގެ ނަތީޖާ ދާއިމީކުރީ ކީއްވެގެންތޯ ސުވާލުދެންނެވުމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު ވިދާޅުވީ، އެއީ އިންތިހާބާ ބެހޭ ކޮމިޓީގެ ނިންމުން ކަމަށެވެ. އަދި އިންތިހާބާ ބެހޭ ކޮމިޓީން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ޝާހު ވިދާޅުވި އެވެ.

އިންތިހާބާ ބެހޭ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ގަސަމް ވިދާޅުވީ، އެ ނިންމުމާ ގުޅޭ މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. ނަމަވެސް، ދައިމީ ނަތީޖާ މިހާތަނަށް ނުނެރެވާ ދާއިރާތަކުގެ ނަތީޖާ ނެރުނަސް މައްސަލައެއް ނެތް ކަމަށް ބަޔާންކޮށް، މައްސަލަ ބަލާ ކޮމިޓީގެ ފަރާތުން އިންތިހާބާ ބެހޭ ކޮމިޓީއަށް ސިޓީއެއް ފޮނުފައިވާ ކަމަށާއި ނޮޅިވަރަމް ދާއިރާއާއި މަތި އުތުރު ޕްރޮވިންސްގެ ދާއިމީ ނަތީޖާ އިއުލާންކުރީ އެ ސިޓީއާ ގުޅިގެން ކަމަށް ވެދާނެ ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.

އަދި މާދަމާ އެކަމާ ބެހޭ އިތުރު މައުލޫމާތު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަމް ދާއިރާގެ ނަތީޖާ ހިފަހައްޓާފައި ވަނީ އެ ދާއިރާގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި އެންސްޕާ ވަހީދުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެފައިވާތީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅައިފައިވާ ޝަކުވާއަކާ ގުޅިގެން ނެވެ. އެގޮތުން އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގައި ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަންގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ހިމެނޭއިރު، ވައްކަން ކުރުމުގެ ކުށުގައި ހަތަރު އަހަރާއި ދެ މަސް ދުވަހުގެ މުއްދަތަށް އަރުވާލަން ވަހީދުގެ މައްޗަށް ސެޕްޓެމްބަރު 9، 2001 ގައި ހުކުމްކޮށްފައިވާތީ އޭނާގެ ކެންޑިޑެސީ ގަބޫލުނުކުރެވޭނެ ކަމަށް ބުނެ ޝަކުވާކޮށްފައިވެ އެވެ.

މަތި އުތުރު ޕްރޮވިންސްގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކުރީ އެ ދާއިރާގެ ވޯޓު އޮޅުވާލުމަށް ވާދަކުރެއްވި ބޭފުޅުން މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމުގެ ޝަކުވާތަކެއް ހުށަހެޅެމުންނެވެ.

މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އާދަން ނަސީރަށް ލިބުނީ 1513 ވޯޓާއެކު އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި މުހައްމަދު ޒާހިރު )އޯކޭ ޒާހިރު( އަށް ލިބުނީ 1312 ވޯޓެވެ. ނޮޮޅިވަރަމް ދާއިރާގެ ރައީސް ކަމަށް އެންސްޕާ ވަހީދު އިންތިހާބުވީ 185 ވޯޓާއެކު އެވެ. އެންމެ ގާތުން ވާދަކުރެއްވީ 77 ވޯޓާއެކު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ހަސަން އާދިލެވެ.