އިސްލާމީ މަރުކަޒު ސަރައްދުގައި ތިއްބައި ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒާއި ސަން އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އާޒިފްގެ އިތުރުން އިތުރު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ އިސްލާމީ މަރުކަޒު ސަރަހައްދުން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ސާފުކުރަން ޖެހޭ ބައެއް ކަންކަން ސާފުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުން ކުރި ކުށަކީ ކޮބައިކަމެއް ފުލުހުން ނުބުނެ އެވެ.

ފިޔާޒާއި އާޒިފްގެ އިތުރުން ދެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝެއިހު ހުސައިން ރަޝީދާއި އަހުމަދު ސިމްވާރު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ.

އިސްލާމީ މަރުކަޒުގެ މާބަލް ޖެހި ސަރަހައްދުގައި މިނިވަން ދުވަހާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދައުލަތުގެ އިސްވެރިންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާ ދަނީ ބައްދަލުކުރައްވަމުންނެވެ.