މިނިވަންކަމަކީ މުސްލިމުން އެކަކު އަނެކެއްގެ މަސް މުޅަކޮށް ކެއުމަށް ޖާގަ އޮތުމާއި ގައުމުގެ އިސްލާމީ މަގުތައް ހަލަބޮލި ކުރުން ކަމަށްވާ ނަމަ އެދެވެނީ ކާބަފައިން ހަވާލުކުރި މަސްއޫލިއްޔަތާ ދުރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފަހަގަކުރަމުންދާ 51 ވަނަ މިނިވަން ދުވަހުގެ މުނާއްސަބަތުގައި ސިޔާމް ނެރުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ދިވެހިންގެ މިނިވަންކަން ގެއްލުވާ ލުމަށް ބޭރުގެ ފަރާތްތަކާ ގުޅިގެން ވެރިކަމުގެ މައްޗަށް ދަހިވެތިވެ ތިބެ ދިވެހި ޙާއިނުންގެ ބަޔަކު މަސައްކަތް ކުރި ކަމަށެވެ. އަދި މިހާރު ވެސް ދިވެހިންގެ ކުރިމަތީގައި އެ މަންޒަރު ތަކުރާރުވަމުންދާކަން ފާހަގަކުރައްވައި ސިޔާމް ވަނީ އެބޭފުޅުންގެ ވާހަކަތަކަށް އިޖާބަ ނުދިނުމަށް ދިވެހި ރައްޔިތުންނަށް ގޮވާލައިފަ އެވެ.

"މި މުޑުދާރު އަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ މިނިވަން ކަމަށް މިހާރު ވެސް އިހުސާސްކުރަން ދަތި މިންވަރަށް އަޅުވެތި ކަމުގެ ހިޔަނި އެޅެމުންދާކަން ހިތާއަމާ އެކު ވިސްނާ ފިކުރުކޮށްލަން ޖެހޭ،" ސިޔާމް ވިދާޅުވި އެވެ.

ބޭރު ގައުމެއްގައި ތިބެގެން ބަޔަކު ކުރަމުންދާ މުޑުދާރު މަސައްކަތްތަކަށް އިޖާބަ ނުދިނުމަށް ގައުމުދެކެ ލޯބިވާ އެންމެހާ ރައްޔިތުންނަށް ސިޔާމް ވަނީ ގޮވާލައްވާފަ އެވެ. އަދި އެފަދަ މަސައްކަތްތަކާ ދުރުގައި "ނޫކަށި ފުރައިގެ ޒުވާނުން" ތިބުމަށް ސިޔާމް އެދިވަޑައިގެންފަ އެވެ.

މިނިދުވަހުގެ ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނާއި ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އަށް ސިޔާމް ވަނީ ފޮނުއްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި އެމްޑީއޭގެ މެމްބަރުންނަށް ވެސް ސިޔާމް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.