27 Jul 2016, 13:20
ރާއްޖޭގެ މިނިވަން ކަމަށް 51 އަހަރު ފުރުން މެލޭޝިއާގައި ފާހަގަކުރުމަށް އެ ގައުމުގައި ބާއްވާ ހަފްލާއެއް ހުށަހަޅައިދިނުމަށް، ރާއްޖޭގައި ބޭއްވި ފުރަތަމަ މޯލްޑިވިއަން އައިޑަލްގެ ދެ ވަނަ އަށް ހޮވުނު ޝަލަބީ އިބްރާހިމަށް ދައުވަތުދީފި އެވެ.
މިނިވަން ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހި ރައްޔިތުންނަށް ފޮނުވަމުން ޝަލަބީގެ ފޭސްބުކް އެކައުންޓުގައި އޭނާ ވަނީ މެލޭޝިއާގައި އޭނާ ހުށަހަޅައިދޭނެ ކަމަށް ބުނެފައިވާ ޕޯސްޓަރެއް ފޭނުންނާ ހިއްސާކޮށްފަ އެވެ.
މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން މިއަދު ބުނީ، އެގައުމުގައި އުޅޭ ދިވެހިންނަށް ބާއްވާ އެ ހަފްލާގައި ޝަލަބީ ހުށަހަޅައިދިނުމަށް ދިން ދައުވަތު ގަބޫލުކޮށްފައިވާ ކަމަށެވެ. އެ ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެގައުމުގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ހުންނަ ސެރި ޕެސިފިކް ހޮޓެލްގަ އެވެ.
އެ މީހެއްގެ އަޑުން އެތައް ބައެއްގެ ހިތްތައް އަތުލާފައިވާ ޝަލަބީ އަކީ މޯލްޑިވިއަން އައިޑަލްގެ ތަރިންގެ ތެރެއިން އެންމެ ވިދުންގަދަ އެއް ތަރި އެވެ.
އެގޮތުން ކޮންމެ ޓީވީއެމް އިން ގެނެސްދޭ ބޮޑުބެރު ޗެލެންޖުން ހުނަރު ފެނިގެންދިޔަ އަދި ޤުރުއާން ކިޔެވުމަށް މޮޅު ޝަލަބީ ވަނީ ރޯދަ އަދި އީދު ހަދިޔާގެ ގޮތުގައި ބެލުންތެރިންނާ ހަމައަށް، އޭނާގެ އަޑުން މަދަހަ އަލްބަމެއް ރިކޯޑްކޮށް ރިލީޒްކޮށްފަ އެވެ.