26 Jul 2016, 16:06
އދ. ދިއްދޫގެ ދެ ގެއެއް ބަލައި ފާސްކޮށް ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ އެއްޗެހިތަކެއްޗާއި އޮރިޔާން މަންޒަރު ހިމެނޭ ސީޑީތަކެއް ފުލުހުން ހޯދައިފި އެވެ.
އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އާއްމުގެ ބަޔަކު ދިން މައުލޫމާތަކާ ގުޅިގެން ދިއްދޫ ޕޮލިސް ޑެސްކުން މިދިޔަ ބުރާފަސްތި ދުވަހު ހިންގި އޮޕަރޭޝަނެއްގަ އެވެ.
ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ދެ ގެއެއް ބަލައި ފާސްކޮށް، އެ ދެ ގެއިން ސިހުރު ހެދުމަށް ބޭނުން ކުރާ ފަސް ފޮތެއްގެ އިތުރުން ބަރަހަނާ ފޮޓޯއާ މަންޒަރު ހިމެނޭ ގިނަ އަދަދެއްގެ ސީޑީ ތަކެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެއްވެސް މީހެއް މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މީހުންނާ ސުވާލު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ މައްސަލަ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.