26 Jul 2016, 16:12
އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންވިތާ، މި އަހަރު ފާހަގަކުރާ 51 ވަނަ މިނިވަން ދުވަހުގެ މުނާސަބަތު ރާއްޖެއާ އަވަށްޓެރި ގައުމުތަކުގައި ތިބި ދިވެހިން ފާހަގަކުރަމުން އެބަދެ އެވެ.
ރާއްޖެއާ އެންމެ ކައިރީގައި އޮންނަ ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ވަނީ އެ ހައިކޮމިޝަންގައި ދިވެހި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
Flag hoisting ceremony at High Commission on the occasion of 51st Independence Anniversary of#Maldives@MDVForeignpic.twitter.com/ScfH5iXky1
— Maldives HC, LK (@MaldivesHCLK)July 26, 2016
ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ރާއްޖޭން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރެވެ. ދިދަ ނެގުމަށްފަހު ރާއްޖޭން ބޭރުގައި ހުންނަ ދިވެހި ހައިކޮމިޝަންތަކަށާއި ދިވެހި މިޝަންތަކަށް ރައީސް ޔާމީން ފޮނުއްވާފައިވާ ހިތާބު އިއްވާފައިވެ އެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި އިއްޔެ ލަންކާގައި ހުންނަ ދިވެހިންގެ ސެންޓަރު، ސޯސަންވިލާގައި ވެސް ވަނީ ކުލަ ގަދަ ހަރަކާތްތަކެއް ހިންގާފަ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ޓްރިވަންޑްރަމް ގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ވެސް ވަނީ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވާފަ އެވެ.
Consulate hosted flag hoisting ceremony on the occasion of 51st Independence Day of Maldives.#IndependenceDaypic.twitter.com/1f46COdbaj
— MDV Consulate TVM (@MDVConsulate)July 26, 2016
ކޮންސިއުލޭޓްގެ ކޮންސުލް އަލީ އާދަމް މިއަދު ވިދާޅުވީ، މިނިވަން ދުވަހުގެ ރަސްމިއްޔާތާ ގުޅިގެން މިމަހުގެ 30 ވަނަ ދުވަހު އިންޑިއާގައި ހުންނަ ފޮރިން މިޝަންތަކާ ކެރެލާ ސްޓޭޓްގެ އެންމެ އިސްވެރިންގެ އިތުރުން އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުވަތު ދީގެން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ޓްރިވަންޑްރަމްގައި ހުންނަ ހައިސިންތް ހޮޓެލްގައި ބާއްވަން ނިންމާފައިވާ އެ ރަސްމިއްޔާތަށް އިންޑިއާގައި ދިރިއުޅޭ ދިވެހި ހުރިހާ ރައްޔިތުންނަށް ކޮންސިއުލޭޓުން ދައުވަތު ދޭއިރު، އިންޑިއާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ފަރާތުން ދިވެހި ސަގާފީ ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށް ކޮންސުލް ވިދާޅުވި އެވެ.
ޕާކިސްތާނުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ވެސް މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
— Maldives HC Pakistan (@MDVhighcomISB)July 26, 2016
ގިނަ އަދަދެއްގެ ދިވެހިން ކިޔަވަމުންދާ ނޭޕާލުގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާ (އެމްއެސްއޭ) އާއި އެގައުމުގައި ހުންނަ އޮނަރަރީ ކޮންސިއުލޭޓް އޮފީހުގައި ވެސް ވަނީ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފަ އެވެ.
ނޭޕާލުގެ ދިވެހި ދަރިވަރުންގެ ޖަމިއްޔާ ރައީސް މުހައްމަދު އަލީ މިއަދު ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ނޭޕާލުގައި ދިރިއުޅޭ ދިވެހި ދަރިވަރުންގެ ވައިބާ ގްރޫޕް މެދުވެރިކޮށް ކުއިޒު މުބާރާތެއް މިދިޔަ ހަފްތާ ތެރޭގައި ކުރިއަށް ގެންގޮސްފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ނޭޕާލުގައި ހުންނަ އޮނަރަރީ ކޮންސިއުލޭޓްގައި މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެމްއެސްއޭ
މީގެ އިތުރުން އޮނަރަރީ ކޮންސިއުލޭޓްއާ އެމްއެސްއޭ އިން އިސްނަގައިގެން ކަތަމަންޑޫގައި އުޅޭ ދިވެހިންނަށް ހާއްސަ ރޭގަނޑުގެ ކެއުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.